ފަހުގެ އަހަރުތަކުގައި އިސްލާމީ ޤައުމުތަކުގެ އިޤްތިޞާދުތަކަށް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައެވެ. ދިނާރު ސްޓޭންޑަރޑް 2025 ގެ ދިރާސާއިން ދައްކާގޮތުގައި، މި ޤައުމުތަކުގެ އިޤްތިޞާދީ ބާރުވެރިކަން ވަނީ އިންވެސްޓްމަންޓް، އުމްރާނީ ތަރައްޤީ އަދި އުފެއްދުންތެރިކަމުގެ ޤާބިލުކަމުގެ މައްޗަށް ބިނާވެފައެވެ.
މެލޭޝިއާ ވަނީ 165.1 ޕޮއިންޓާއެކު އެންމެ ވަރުގަދަ އިސްލާމީ އިޤްތިޞާދުގެ ގޮތުގައި ފާހަގަކުރެވިފައެވެ. މިއީ އެޤައުމުގެ ޞިނާޢީ އަދި ޓެކްނޮލޮޖީ ދާއިރާގެ ކުރިއެރުމާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރުގެ ސަބަބުން ހާސިލު ކޮށްފައިވާ މަގާމެކެވެ. މީގެ އިތުރުން، ޙަލާލު ކާނާ، ބޭސް އަދި ރީތި ވުމުގެ ދާއިރާގެ އުފެއްދުންތަކުގައި މެލޭޝިއާ ވަނީ ކުރިއަރާފައެވެ.
ސަޢޫދީ ޢަރަބިއްޔާ ވަނީ 100.9 ޕޮއިންޓާއެކު ދެވަނައަށް އައިސްފައެވެ. މިއީ ތެލުގެ އެންމެ ބޮޑު އުފެއްދުންތެރިޔާގެ ގޮތުގައި އޮތުމުގެ އިތުރުން، "ވިޝަން 2030″ ގެ ދަށުން ކުރިއަށްގެންދާ އިޤްތިޞާދީ އިޞްލާޙުތަކުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެކެވެ. އިންޑޮނޭޝިއާ ވަނީ 99.9 ޕޮއިންޓާއެކު ތިންވަނައަށް އައިސްފައެވެ.
އެމިރޭޓްސް ވަނީ 95.8 ޕޮއިންޓާއެކު ހަތަރުވަނައަށް އައިސްފައެވެ. މިއީ ވިޔަފާރި، ވައިގެ ދަތުރުފަތުރު، ފަތުރުވެރިކަން އަދި އީޖާދީ ދާއިރާތަކުގެ ކުރިއެރުމުގެ ސަބަބުންނެވެ. ބަޙްރެއިން ވަނީ 81.9 ޕޮއިންޓާއެކު ފަސްވަނައަށް އައިސްފައެވެ.
ޖޯޑަން (71.4ވަނަ)، ކުވެއިތު (67.0ވަނަ)، ޕާކިސްތާން (64.1ވަނަ) އަދި ތުރުކީ (64.0ވަނަ) ގައި ތަރުތީބުވެފައި ވެއެވެ. މި ދިރާސާގައި ބަލާފައިވަނީ ހަމައެކަނި ޖީ.ޑީ.ޕީ އަށް ނޫނެވެ. އިންވެސްޓްމަންޓް، އުމްރާނީ ތަރައްޤީ، އީޖާދީ ޤާބިލުކަން އަދި ދުނިޔޭގެ އިޤްތިޞާދަށް ފޯރުކޮށްދޭ އަސަރުވެސް ވަނީ ދިރާސާގައި ހިމަނާފައެވެ.