ޔަހޫދީ ޖެނޮސައިޑް ހަނގުރާމައިގައި ހަލާކުކޮށްލި މިސްކިތްތައް

ދެ އަހަރު ވަންދެން ޔަހޫދީން ޣައްޒާގައި ހިންގި ޖެނޮސައިޑް ހަނގުރާމައިގައި ޣައްޒާގެ މިސްކިތްތަކަށް ގަސްތުގައި އަމާޒުކޮށް ހަލާކުކޮށްފައި ވެއެވެ. އެތައް ހާސް އާންމުންގެ ގެދޮރު ހަލާކުކޮށްފައިވާއިރު ޔަހޫދީ ޓެރަރިސްޓުން މިސްކިތްތަކާއި މުންނާރުތަކަށް އަމާޒުކޮށްފައި ވަނީ ހިތް އުފާކޮށްލަން މަޖަލަކަށެވެ.

މަމްލޫކީ ޚިލާފަތާއި އުސްމާނީ ޚިލާފަތުގެ ޒަމާނުގެ ތާރީޚީ އާސާރީ މިސްކިތްތައް ވަނީ މިހާރު ވީރާނާކޮށްފައެވެ.

ޣައްޒާގައި ސަރުކާރުގެ މީޑިއާ އޮފީހުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޣައްޒާގައި ހުރި ޖުމްލަ 1،244 މިސްކިތުގެ ތެރެއިން ޒަޔަނިސްޓު ޓެރަރިސްޓް އިސްރާއީލު ސިފައިން ވަނީ 835 އަށް ވުރެ ގިނަ މިސްކިތް އެއްކޮށް ނައްތާލައި ފައެވެ. އަދި، 180 އަށް ވުރެ ގިނަ މިސްކިތްތަކަށް ހަމަލަދީ އޭގެ ބައެއް ތަންތަން ގޮއްވާލާފައި ވެއެވެ.

ބަޠަލް ޝަހީދު ޔަޙުޔާ ސިންވާރުގެ މޭސްތިރިކަމުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށި އަޤްޞާ ޠޫފާނަށް ފަހު ޔަހޫދީން ފެށި ނަސްލު ނައްތާލުމުގެ ހޮލޮކޯސްޓް ހަނގުރާމައިގައި ޔަހޫދީން އަމާޒުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ މިސްކިތްތަކަކީ:

ޖާމިޢު ޢުމަރީ މިސްކިތް

އެއީ ޣައްޒާ ސިޓީގެ އެންމެ ދުވަސްވީ އަދި އެންމެ ޤަދީމީ އެއް މިސްކިތެވެ. އެއީ މުސްކުޅި ސިޓީގެ މެދުގައި މުސްކުޅި މާރުކޭޓް ކައިރީގައި ހުންނަ މިސްކިތެކެވެ. 4،100 އަކަމީޓަރުގެ ހަރިންމައެއްގައި ހިމެނޭ މި މިސްކިތުގެ ބޮޑު މިނަކީ 1،190 އަކަމީޓަރެވެ.

އެއީ ރީތި އަދި ދިހުންކަން ގަދަ ސަންގުމަރުމަރު ހިލައިގެ 38 ތަނބު ޖަހާފައިވާ މިސްކިތެކެވެ. އެއީ ޣައްޒާގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ބެލެވޭ އަދި ޚަލީފާ ޢުމަރު ބިން އަލްޚައްޠާބުގެ ޝަރަފުގައި ނަން ދީފައިވާ މިސްކިތެކެވެ.

ޣައްޒާގެ ދިގު ތާރީހުގައި އެތަން ފަލަސްތީނުގެ ގަދީމީ ފައްޅިއަކުން ބައިޒަންޓައިން ޗާޗަކަށް ބަދަލުވެ، އިސްލާމީ ފަތަޙައަށް ފަހު މިސްކިތަކަށް ބަދަލުވީ އެވެ.

ބިންހެލުމާއި ޞަލީބީންގެ ހަމަލާތަކުގެ ސަބަބުން މާޒީގައި އެތައް ފަހަރަކު މި މިސްކިތް ހަލާކުވިއެވެ. މަމްލޫކުން ގެ ވެރިކަމުގައި އަދި އުސްމާނީ ޚިލާފަތުގައި މިސްކިތް އަލުން މަރާމާތުކޮށްފައި ވެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަނެއްކާވެސް މިސްކިތަށް ހަމަލަދީ ހަލާކު ކޮށްލިއެވެ. ފަހުން 1925 ވަނަ އަހަރު އަލުން އާރާސްތުކުރިއެވެ. މިހާރު ހިނގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ އެ މިސްކިތަށް ބޮން އަޅާފައެވެ.

ސައްޔިދު ހާޝިމް މިސްކިތް

އިރުމަތީ ޣައްޒާ ސިޓީގެ ދަރާޖް ސަރަހައްދުގައި ހުންނަ މި ތަނަކީ މުޙައްމަދު ނަބިއްޔާގެ ކާފަ ހާޝިމް ބިން އަބްދު މަނާފްގެ މަގަބްރާ ހިމެނޭ މިސްކިތެކެވެ. ޣައްޒާ ސިޓީއާ ގުޅިފައިވާ ނަން "ޣައްޒާ ހާޝިމް" ގެ ނަން ނިސްބަތް ވަނީ މި މިސްކިތާ ހެދިއެވެ.

މިސްކިތަށް ޔަހޫދީ ޓެރަރިސްޓް ސިފައިން ވަނި ޖެނޮސައިޑް ހަނގުރާމައިގައި ބޮން އަލައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ކާތިބު ވިލާޔާ މިސްކިތް

ފައްޅި ޗާޗް އޮފް ޕޯރފައިރިއަސް އާއި އިންވެގެން އެއް ފާރެއް ހިއްސާކުރާ މިސްކިތަކީ ޣައްޒާ ސިޓީގެ އެންމެ މުހިންމު ތާރީހީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެވެ. އޭގެ ސަރަހައްދަކީ ގާތްގަނޑަކަށް 377 އަކަމީޓަރު ކަމަށް ލަފާކުރެވެ އެވެ.

މި މިސްކިތަކީ މީލާދީން 1309 އާއި 1341 އާ ދެމެދުގެ ތިންވަނަ ރަސްކަމުގައި މަމްލޫކު ސުލްޠާނުންގެ ތެރެއިން އެއް ސުލްޠާން ކަމަށްވާ އަލްނާޞިރު މުޙައްމަދު ބިން ޤަލާވޫންގެ ރަސްކަމުގެ ދުވަސްވަރު ބިނާ ކޮށްފައިވާ މިސްކިތެކެވެ. ޤަލާވޫން އަކީ އެނބުރޭ ސިޑިއާއެކު މުންނާރު ބިނާ ކުރައްވައި މިސްކިތް ބިނާ ކުރެއްވި ރަސްކަލެކެވެ.

މިހާރު ހިނގަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި ޔަހޫދީ ޓެރަރިސްޓް ސިފައިން ވަނީ ބޮޑު ބަޑިން ހަމަލަ ދީ މިސްކިތޔް ހަލާކުކޮށްލާފައެވެ.

އިބްނު ޢުޘްމާން މިސްކިތް

ޖާމިޢު އުމަރީ މިސްކިތަށް ފަހު ޣައްޒާ ސިޓީގެ ދެވަނައަށް އެންމެ މުހިންމު ތާރީޚެއް ހިއްސާ ކުރާ މި މިސްކިތުގެ ސަރަހައްދަކީ ގާތްގަނޑަކަށް 2،000 އަކަމީޓަރެވެ.

މާރުކޭޓް މައިދާން މަގުގައި ހުންނަ ޝުޖާޢިއްޔާ އަވަށުގެ މި މިސްކިތަކީ މަމްލޫކު ރަސްކަލުންގެ އާކިޓެކްޗަރގެ ފާހަގަކޮށްލެވޭ މިސާލެކެވެ. މި މިސްކިތަކީ ތަފާތު އާކިޓެކްޗަރަލް އަދި ޑެކަރޭޓިވް ބައިތައް ހިމެނޭ މިސްކިތެކެވެ.

މަމްލޫކު ޒަމާނުގައި މި މިސްކިތް ބިނާ ކުރީ އެތައް މަރުހަލާތަކަކަށް ބަހާލައިގެން ނެވެ.

މިސްކިތަށް ނަން ދެވުނީ ނާބްލުސްއަށް އުފަންވެވަޑައިގެން އޭގެ ފަހުން ޣައްޒާއަށް ބަދަލުވެވަޑައިގެންނެވި އަޙްމަދު ބިން ޢުޘްމާންގެ ނަމުންނެވެ. މިސްކިތް ބިނާ ކުރެއްވީ އޭނާ އެވެ.

އެއީ ތަޤްވާވެރިކަމުގެ ގޮތުން މަޝްހޫރު ބޭކަލެކެވެ. އޭނާގެ ކަރާމާތްތައް ގިނަ ބަޔަކު ދަންނަ ބޭކަލެކެވެ. އޭނާ އަވަހާރަވީ މީލާދީން 1402 ވަނަ އަހަރު ޣައްޒާގައެވެ.

މި މިސްކިތުގެ ހުޅަނގު އާރކޭޑްގައި ހުންނަނީ މީލާދީން 1445 ވަނަ އަހަރު ޣައްޒާގެ ގަވަރުނަރުކަމާ ހަވާލުވެވަޑައިގެން މީލާދީން 1446 ވަނަ އަހަރު އެތަނުގައި ނިޔައުވި އަމީރު  ސައިފުއްދީން ޔަލްޚަޖީގެ މަހާނައެވެ. އޭނާ ވަޅުލާފައިވަނީ ޚުދު މިސްކިތް ތެރޭގައެވެ.

ޢަލީ ބިން މަރްވާން މިސްކިތް

ޣައްޒާ ސިޓީގެ އެންމެ މަޝްހޫރު އެއް މިސްކިތް ކަމަށްވާ މިސްކިތް ހުންނަނީ މުސްކުޅި ސިޓީގެ އިރުމަތީ ބޭރު ފާރުގެ ބޭރުގައި އޮންނަ ތޫފާ އަވަށުގައެވެ.

ގާތްގަނޑަކަށް 320 އަކަމީޓަރުގެ ހަރިންމައިގެ މި މިސްކިތަކީ ވެސް މަމްލޫކު ޒަމާނުގެ މިސްކިތެކެވެ.

މި މިސްކިތަށް ނަން ދީފައިވަނީ ޞާލިޙު ޝައިޚް ޢަލީ ބިން މަރްވާންގެ ނަމުންނެވެ. އޭނާގެ މަހާނަ ހުންނަނީ މިސްކިތާ އިންވެފައެވެ.

މިސްކިތާ ޖެހިގެން ހުންނަނީ އޭނާގެ ނަމުން ނަން ދީފައިވާ ސަހަރާއެކެވެ. އެތާނގައި މުހިންމު ތާރީޚީ ލިޔެކިޔުންތަކެއްގެ ގޮތުގައި ބެލެވޭ މަހާނަ ގާތައް ހުރެއެވެ.

މީލާދީން 1371 ވަނަ އަހަރު ބިނާކުރި މި މިސްކިތަކީ ޤަރުނުތަކުގެ ތެރޭގައި އެތައް މަރާމާތެއް ހިންގައި ބައިބައި އިތުރު ކޮށް، ޣައްޒާގެ ރައްޔިތުންގެ ހަނދާނުގައި ދީނީ އަދި ތާރީޚީ މުހިންމުކަން ދަމަހައްޓާފައިވާ މިސްކިތެކެވެ. ނަމަވެސް ޔަހޫދީންގެ ޖެނޮސައިޑް ހަނގުރާމައިގައި އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ވަނީ މިސްކިތް ތަޅާލާފައެވެ.

އަލްޒަފަރު ދަމްރީ މިސްކިތް

ޝުޖާޢިއްޔާ ސަރަހައްދުގައި އޮންނަ މުސްކުޅި ސިޓީގެ އިރުމަތީ ފަރާތުގައި އޮންނަ މިމިސްކިތުގެ ސަރަހައްދަކީ 600 އަކަމީޓަރެވެ. މިމިސްކިތަށް ވަންނަ ދޮރަކީ އެންމެ ރީތި އެއް ހަނދާނީ ދޮރު ކަމުގައި ބެލެވޭ ދޮރެކެވެ. އަހުގެ މުށްގަނޑުގައި ހަރުކޮށްފައިވާ ދަނގަނޑު ކޮޅުގެ ބައްޓަމަށް މި ދޮރު ބިނާ ކޮށްފައި ވެއެވެ.

މި މިސްކިތަށް ނަން ދީފައިވަނީ މިސްކިތުގެ ބާނީ ޝިހާބުއްދީން އައްޒަފަރު ދަމްރީގެ ނަމުންނެވެ. ޔަހޫދީ ޓެރަރިސްޓް ސިފައިން ވަނީ މިމިސްކިތަށް ބިން އަލައި ހަލާކުކޮށްލާފައެވެ.

އަލްމަޙްކަމާ މިސްކިތް (އަލްބަރްދަބަކިޔާ މިސްކިތް)

މުސްކުޅި ޣައްޒާގެ ޝުޖާޢިއްޔާ ސަރަހައްދުގައި އޮންނަ މިމިސްކިތުގެ ސަރަހައްދަކީ 546 އަކަމީޓަރެވެ. މިއީ މީލާދީން 1455 ވަނަ އަހަރު އަމީރު ބަރުބަކް އައްދަވާރު މަދަރްސާއެއްގެ ގޮތުގައި ބިނާކުރެއްވި މިސްކިތެކެވެ.

މި މިސްކިތް އެކުލެވިގެންވަނީ އެތައް ހޯލަކާއި ކިލާސްރޫމްތަކަކުން ވަށާލެވިފައިވާ ހުޅުވިފައިވާ ފެންޑާއެއްގެ މެދުގައެވެ. އުސްމާނީ ޒަމާނުގައި މިމިސްކިތަކީ ޝަރީޢަތުގެ ދަރުބާރުގެ މައި މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. އެހެންވެ "އަލްމަހްކާމާ މިސްކިތް" ގެ ނަން ދީފައިވެއެވެ. މިހާރު ހިނގަމުންދާ ޔަހޫދީ ޖެނޮސައިޑް ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މިސްކިތް ވަނީ ހަލާކުކޮށްލާފައެވެ.

އަލްސިއްތު ރުޤައްއްޔާ މިސްކިތް

ޣައްޒާ ސިޓީގެ އިރުމަތީގައި ޝުޖާޢިއްޔާ ސަރަހައްދުގައި އޮންނަ މިމިސްކިތަކީ  174 އަކަމީޓަރުގެ ސަރަހައްދެއްގައި ބިނާކޮށްފައިވާ މިސްކިތެކެވެ. އެއީ ބޮޑު ފެންޑާއަކާއި މިހުރާބެއް އެކުލެވިގެންވާ މިސްކިތެކެވެ.

ތަނެއް ކަމަށާއި، މިދެތަންވެސް މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި އިސްރާއީލުން ނައްތާލި ކަމަށެވެ. ޔަހޫދީންގެ ޖެނޮސައިޑްގައި މިސްކިތަށް ބޮން އަޅާފައި ވެއެވެ.

މި މިސްކިތުގެ ނަން ގުޅިފައިވާ ކަމަނާއަކީ އުސްމާނީ ޚިލާފަތުގައި ޣައްޒާގެ ގަވަރުނަރެއްގެ އަނބިކަނބަލެކެވެ.

ޝައިޚް ޢުޘްމާން ޤަޝްޤާރު މިސްކިތް

ޣައްޒާ ސިޓީގެ އެންމެ ދުވަސްވީ ތާރީހީ މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް ކަމަށްވާ ޤަޝްޤާރު މިސްކިތް ބިނާ ކުރީ މީލާދީން 1223 ވަނަ އަހަރު އެވެ. މި މިސްކިތުގެ ސަރަހައްދަކީ އެންމެ 70 އަކަމީޓަރެވެ.

އެއީ ޝައިޚް ޢުޘްމާން ޤަޝްޤާރުގެ ނަމުން ނަންދެވިފައިވާ މިސްކިތެކެވެ. އެއީ ފާރިސްކަރައިގެ ނުވަތަ އަލްބޭނިއަން ނަސްލުގެ ބޭކަލެއް ކަމަށް ބުނެވެއެވެ.

މިމިސްކިތުގެ ދޮރު، ކޮށާފައިވާ ސަންގުމަރުމަރު ހިލައިން ޒީނަތްތެރިކޮށްފައި ވެއެވެ. އަދި ތަރީޚި ލިޔުންތައްވެސް ހިމެނެއެވެ.

ޔަހޫދީ ޖެނޮސައިޑްގައި މިސްކިތަށް ބޮން އަޅާފައި ވެއެވެ.

ޚާން ޔޫނިސް ބޮޑު މިސްކިތް

އެއީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ އެންމެ ބޮޑު މިސްކިތެވެ. އެއީ 1928 ވަނަ އަހަރު ބިނާކުރި މިސްކިތެކެވެ. މިސްކިތް ބޮޑު ކުރުމުގެ މަސައްކަތް ފެށީ 1954 ވަނަ އަހަރު އެވެ.

މިސްކިތުގެ ހަރިންމައަކީ ގާތްގަނޑަކަށް 3،300 އަކަމީޓަރު ގެ ސަރަހައްދެކެވެ. ޔަހޫދީ ޖެނޮސައިޑްގައި މިމިސްކިތް ހަލާކުކޮށްލާފައި ވެއެވެ.

ހިއްސާ ކުރައްވާ!