ޗައިނާގެ ސައިންޓިސްޓުން ވަނީ އިންސާނުން އަމިއްލައަށް ލެބޯޓްރީގައި ބަދަލުތައް ގެނަސްފައިވާ އޫރެއްގެ ފުރަ މޭ އިންސާނެއްގެ ގައިގައި އިންދައި އުނަވަން އިންދުމުގެ ތާރީޚުގައި އާ ސަފުހާއެއް ލިޔެފައެވެ. މި ކާމިޔާބީއަކީ އިންސާނުންގެ ބަދަލު ކުރަން ޖެހޭ ގުނަވަންތައް ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފުރަ މޭ ބަދަލުކޮށްފައިވާ އިންސާނާއަކީ، އުމުރުން 71 އަހަރުގެ ބަލިމީހެކެވެ. އޭނާއަކީ ފުރަމޭގެ ކެންސަރާއި ސިރޯސިސްގެ ފަހު މަރުހަލާގައި އުޅޭ މީހެކެވެ. އޭނާއޮތީ އާންމު ކޮށް ކުރާފަދަ ފުރަ މޭ ލެއްވުމުގެ އޮޕަރޭޝަނެއް ކުރެވޭ ހާލަތެއްގައެއް ނޫނެވެ. ޑޮކްޓަރުން ވަނީ 10 ފަހަރަށް ނަސްލީގޮތުން ބަދަލު ގެނަސްފައިވާ އޫރެއްގެ ފުރަމޭ އޭނާގެ ގައިގައި އިންދާފައެވެ.
ފުރަތަމަ މަހު ފުރަ މޭ ރަނގަޅަށް މަސައްކަތްކުރި ނަމަވެސް، ފަހުން ހަށިގަނޑުގެ ދިފާއީ ނިޒާމު ގަޑުބަޑުވެ ލޭ ހޮޅިތަކަށް ގެއްލުން ލިބުނެވެ. އަދި 38 ވަނަ ދުވަހު ފުރަމޭ ނަގަން ޖެހުނެވެ. އަދި ހުރިހާ ފަރުވާއެއް ދިނުމަށްފަހުވެސް 171 ވަނަ ދުވަހު ބަލިމީހާ ނިޔާވިއެވެ.
މި ތަޖުރިބާއިން ދައްކައިދެނީ ލެބްގައި ބަދަލުތައް ގެނަސްގެން އޫރެއްގެ ފުރަ މޭ އިންސާނެއްގެ ހަށިގަނޑުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރެވިދާނެކަމެވެ. ނަމަވެސް ލޭ ގަނޑުވުމާއި ދިފާއީ ނިޒާމުގެ މައްސަލަތަކަށް އިތުރު ހައްލެއް ހޯދަން ޖެހެއެވެ. މެޑިކަލް ދާއިރާއިން އުންމީދު ކުރަނީ މި ތަޖުރިބާއިން ފުރަ މޭ ފޭލިވެފައިވާ އަދި މޭގެ ކެންސަރަށް އާ ފަރުވާތަކެއް ތަޢާރަފު ކުރެވޭނެ ކަމަށެވެ.