މަޗާޑޯއަށް ނޯބެލް އިނާމު ދިނުން އެމެރިކާ މުސްލިމުން ކުށްވެރިކޮށްފި

އެމެރިކާގެ މުސްލިމުންގެ މަދަނީ ޙައްޤުތަކަށް ވަކާލާތުކުރާ އެންމެ ބޮޑު ޖަމްޢިއްޔާ ކެއަރ (ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް) އިން ވަނީ ވެނެޒުއެލާގެ އެމެރިކާ ގޮނޑިކޮއްކޮ މަރިއާ ކޮރީނާ މަޗާޑޯއަށް މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދިނުމަށް ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކެއަރއިން ބުނީ، ޔޫރަޕްގެ ހައްދުފަހަނައަޅާފައިވާ މުސްލިމުންނާ ދެކޮޅުވެރި ކަނާތުފިޔައިގެ ހަރަކާތްތަކަށާއި އިސްރާއީލްގެ ވެރިކަންކުރާ ލިކުޑް ޕާޓީއަށް ތާއީދުކުރާ ސިޔާސީ ފަރާތެއް ކަމަށްވާ މަޗާޑޯއަށް މި އިނާމު ދިނުމަކީ، ނަސްލީ ތަފާތު ކުރުމާއި  ފެސިޒަމާއި، އަދި ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑްއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް ކުރެވޭ އިހާނެތި ކަމެއް ކަމަށެވެ.

މަޗާޑޯ ވަނީ މިއަހަރުގެ ކުރީކޮޅު މެޑްރިޑްގައި ބޭއްވި "ޕެޓްރިއަޓްސް އޮފް ޔޫރަޕް" ކޮންފަރެންސްގައި ބައިވެރިވެފައެވެ. މި ކޮންފަރެންސްގައި މުސްލިމުންގެ ހަތުރުން ކަމަށްވާ ހޮލެންޑްގެ ގީރޓް ވިލްޑަރސް، ފްރާންސްގެ މެރީ ލު ޕެން އަދި ހަންގެރީގެ ވިކްޓަރ އޯބަން ފަދަ ފަރާތްތަކުން ބައިވެރި ވެފައި ހަރުކަށި ތަގްރީރުތައް ދީފައި ވެއެވެ. މިމީހުން ވަނީ 15 ވަނަ ގަރުނުގައި ސްޕެއިންއިން މުސްލިމުންގެ ޖެނޮސައިޑް ހިންގި ޒަމާނުގެ ޝިއާރުތައް ފާޅުކޮށް ހަދާފައި ކަމަށް ވެއަރ އިން ބުނެއެވެ.

އަޅުގަނޑުމެން ގޮވާލަނީ މަޗާޑޯ ލިކުޑް ޕާޓީއަށާއި ޔޫރަޕްގެ އިސްލާމޯފޯބް ފެސިޒަމަށް ދޭ ތާއީދު އަނބުރާ ގެންދިއުމަށް،" ކެއަރއިން ބުނެފައިވެއެވެ. "އެކަން ނުކޮށްފިނަމަ، ނޯބެލް ކޮމިޓީން ނިންމި ނިންމުން އަލުން މުރާޖަޢާކުރަންވާނެ. މުސްލިމުންނާ ދެކޮޅު ހަރުކަށި ފިކުރުގެ އަދި ޔޫރަޕްގެ ފެސިޒަމަށް ތާއީދުކުރާ މީހަކު، ޑރ. މާޓިން ލޫތަރ ކިންގް ޖޫނިއަރ ފަދަ ނޯބެލް އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާ އެއް ހަމައެއްގައި ބެހެއްޓުމަކީ ކޮށްގެންވާނެރ ކަމެއް ނޫން" ކެއަރގެ ބަޔާނުގައި ވެއެވެ.

ކެއަރއިން އިތުރަށް ބުނެފައިވަނީ ނޯބެލް ކޮމިޓީން އިނާމު ދޭންވާނީ ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑްއާ ދެކޮޅަށް އަޑުއުފުލާ ދަރިވަރުންނާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުންނާއި އަދި މެޑިކަލް ފަންނުވެރިންނަށް ކަމަށެވެ. މިފަދަ ފަރާތްތަކުން ތަމްސީލުކުރަނީ ހަގީގީ ސުލްހައާއި އިންސާފު ކަމަށް އެ ޖަމްޢިއްޔާއިން  ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!