ވަގުފުގެ ގޮތުގައި 156 މިލިއަން ރުފިޔާ ހޭދަކޮށްފިނަމަ، ގޯލްޑަން ވިސާ ލިބޭނެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ 2 މިލިއަން ދިރުހަމް (156 މިލިއަން ރުފިޔާ) އަށް ވުރެން މަދުނޫން އަދަދެއް އިސްލާމީ ވަޤުފަށް ހަދިޔާކުރާ ފަރާތްތަކަށް ދިގު މުއްދަތުގެ ވިސާ ދޭން ނިންމާފައެވެ. އެގޮތުން 156 މިލިއނަ ްރުފިޔާ ވަޤުފަށް ހަދިޔާ ކުރާ ފަރާތަށް 10 އަހަރުގެ ގޯލްޑަން ވިސާ ލިބޭނެއެވެ. މި ޕްރޮގްރާމަކީ ދުބާއި އިސްލާމީ އަވްޤާފާ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ވިސާއަށް ކުރިމަތިލާ ފަރާތަކީ ޔުނިވަރސިޓީ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ވާން ޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅަންވާނީ އަވްޤާފް ދުބާއި ނުވަތަ ހުއްދަ ލިބިފައިވާ އިންސާނީ އެހީގެ ޚައިރާތާ ބެހޭ މުއައްސަސާއެއް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހަޅާއިރު ވަޤްފް ކުރިކަމުގެ ލިޔުމާއި ކާކުކަން އަންގައިދޭ ލިޔެކިޔުންތަކާއި ތަޢުލީމީ ސަނަދުތައް ހުށަހަޅަންޖެހޭނެއެވެ.

އިސްލާމީ ޝަރީޢަތުގައި ވަޤުފަކީ ދާއިމީ ގޮތަކަށް ދޫކުރެވޭ ޚައިރާތެކެވެ. ވަޤްފަށްތަކައި، ބިން، އިމާރާތް، ފައިސާ ނުވަތަ އެހެނިހެން މުދާ ޚައިރާތް ކުރެވިދާނެއެވެ. ވަޤުފުކުރެވޭ އެއްޗަކީ ވިއްކާލައި ވާރުތަކުރެވޭނެ އެއްޗެއް ނޫނެވެ. ވަޤްފް ކުރެވޭ ހުރިހައި އެއްޗަކީވެސް ޝަރުޢީގޮތުން ހުއްދަ، ދެފުށް ފެންނަ އަދި ދެމެހެއްޓެނިވި ގޮތަކަށް މުޖުތަމަޢުގެ ތަރައްޤީއަށް ބޭނުންކުރެވޭ އެއްޗެއްތޯ އަވްޤާފް ދުބާއިން ކަށަވަރު ކުރާނެއެވެ.

މި ގޯލްޑަން ވިސާގެ ބޭނުމަކީ ހަމައެކަނި ހެޔޮއެދޭ ފަރާތްތަކަށް އިނާމެއް ދިނުމެއް ނޫނެވެ. މިއީ ދެމެހެއްޓެނިވި އިންސާނީ އެހީގެ މަސައްކަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެހީތެރިން ހޯދުމަށާއި، ދުބާއިއަކީ، ދީލަތި އަދި އިޖްތިމާޢީ ފައިދާ އެހެންފަރާތްތަކަށް ފޯރުކޮށްދޭ މަރުކަޒެއްގެ ގޮތުގައި ދެއްކުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!