ޔަހޫދީން މަސްޖިދުލްއަގްސާގެ އަޑިން ކޮންނަމުންދާނީ މިސްކިތް ވެއްޓިދާނެ ބިރު އޮތްކަމަށް ބުނޭ

މަސްޖިދުލް އަޤްޞާގެ އަޑިން ޔަހޫދީން ބިންގަރާސް ކޮނެ ސުލައިމާނުގެފާނުގެ ފައްޅި ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން އެ މިސްކިތުން ބައެއް ގަނބައިގެން ވެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފިއެވެ. ފަލަސްޠީނުގެ ވެރިރަށް ޤުދުސްގެ އިދާރާއިން ބުަނަނީ ނޭއްގާނި ޔަހޫދީންގެ މިއަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ޤުދުސް ގަވަރުނަރޭޓުގެ މުޝީރު މައުރޫފް އައްރިފާއީ ވިދާޅުވި ގޮތުގައި، އިސްރާއީލުން މިހާރު ކޮންނަމުންދާ ބިމުގެ އަޑީގެ ޓަނަލްތަކަކީ އިހުުޒަމާނުގެ ފެން ދަތުރު ކުރަން ހަދާފައިވާ އަޑީ މަގުތަކެއް ކަމަށާއި، މިހާރު އެތަންތަން ވަނީ ހިއްކާލައިފައި ކަމަށެވެ. އަދި، އަޑީގައި ޔަހޫދީން ކޮނެގެން ހޯދި މި ފެން ދަތުރުކުރާ މަގުތައް މިހާރު ޔަހޫދީން އަޅުކަން ކުރާ ތަނަކަށާއި މިއުޒިމަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އައްރިފާޢީ ވިދާޅުވެއެވެ. އަދި ޔަހޫދީންނަނީ މި ހިސާބަށް ބީރައްޓެހި ބައެއް ކަމުން އެމީހުންނަށް ސިޓީގެ ގަދީމީ ތާރީޚު ނޭނގޭ ކަމަށާއި އެމީހުން ވަނީ އިހުޒަމާނުގައި ބޭނުން ކުރި ގަދީމީ "ސޫޤުލް ޖަބާނާ" ގެ ނަމުން މަޝްހޫރު ތާރީޚީ ބިންގަރާސްވެސް ސުލައިމާނުގެފާނުގެ ޒަމާނުގެ ތާރީޚީ ތަނެއް ކަމަށް ހަދާފައެވެ.

ޔަހޫދީން ފައްޅިއެއް ހޯދަން ހޭބޯ ނާރާ ކޮންނަމުންދާ ކޮނުންތަކުގެ ސަބަބުން ފަލަސްޠީނުގެ ވެރިރަށް ޤުދުސްގެ އާސާރީ ގެތަކާއި، ޤަދީމީ މަދަރުސާތަކަށް ގެއްލުން ލިބެމުންދާ ކަމަށްވެސް އައްރިފާޢީ ވިދާޅުވެއެވެ. އަދި އަޤްޞާ މިސްކިތުގެ ތަޅުންގަނޑު ގަނބައިގެން ގޮސް ވެއްޓުމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވެއެވެ. އިސްރާއީލުން މި މަސައްކަތްތައް ކުރަމުންދަނީ ބައިނަލްއަޤްވާމީ ގާނުނުތަކަށް ފަރުވާކލެއް ނެތި، ސިއްރުން ނުވަތަ ސިއްރިއްޔާތުގައި ކަމަށްވެސް ވިދާޅުވެއެވެ.

އަލްރިފާއީ ވިދާޅުވި ގޮތުގައި މިއީ ޤުދުސް ސިޓީގެ ފަލަސްޠީނީ ޝަޚުޞިއްޔަތު ފޮހެލުމަށް ޖެނޮސައިޑް ހިންގާ ޔަހޫދީން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސީ މަޝްރޫޢުގެ ބައެކެވެ. ޔަހޫދީން މަސައްކަތް ކުރަމުންދަނީ އިސްލާމީ އަދި ކްރިސްޓިއަން މުޤައްދަސް ތަންތަނުގެ މައްޗަށް ޔަހޫދީންގެ ނުފޫޒު ފޯރުވައި ތާރީޚާއި ސަފާގަތުން ވައްކަން ކުރާށެވެ.

ހިއްސާ ކުރައްވާ!