އިންޑޮނޭޝިއާގެ ސްކޫލުތަކުގައި ޕޯޗުގީޒް ބަސް ކިޔަވައި ދެނީ

އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ، އެ ގައުމުގެ ތަޢުލީމީ ނިޒާމުގައި އިސްކަންދޭ މުހިންމު ބަހެއްގެ ގޮތުގައި ޕޯޗުގީޒު ބަސް ހިމެނުމަށް ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ. މި ނިންމެވުން އިއުލާން ކުރެއްވީ، ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ފުރަމާނަ ދަތުރުފުޅާއެކު، ދެ ގައުމުން ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހުގައެވެ. މި ދަތުރުފުޅަކީ 2008 ވަނަ އަހަރަށްފަހު ބްރެޒިލްގެ ރައީސަކު އިންޑޮނޭޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ސައިންސް، ޓެކްނޮލޮޖީ އަދި އީޖާދީ ކަންކަމާއި ހަކަތަ އަދި މައުދަނުގެ ވަސީލަތްތަކުގެ އެއްބާރުލުން ހިމެނެއެވެ. ރައީސް ލޫލާ އާއި ރައީސް ސުބިއަންތޯ ވަނީ ދެ ގައުމުގެ ގުޅުން، އަދި ގިނަ ސަރަހައްދީ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

ބްރެޒިލްގެ ރައީސް ލޫލާ ޖަކާޓާއަށް ވަޑައިގެން ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ދަތުރުފުޅު އިންޑޮނޭޝިއާ އަދި މެލޭޝިއާގެ ތެރެއިން ގޮސް އޭސީއާން ސަމިޓުން ނިމޭނެ ކަމަށެވެ. އަދި ދެކުނު އިރުމަތީ އޭޝިއާ އަކީ ދުނިޔޭގެ އެންމެ ހަރަކާތްތެރި އެއް ސަރަހައްދު ކަމަށާއި، އާސިއާންއަކީ މިހާރު ވެސް ބްރެޒިލްގެ ފަސްވަނައަށް އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ކަމަށެެވެ. 2025 ވަނަ އަހަރު ބްރެޒިލްގެ ބައިނަލްއަޤްވާމީ އެޖެންޑާގައި އޭޝިއާއަށް ވަރަށް މުހިންމު މަޤާމެއް ދެވިފައި ވެއެވެ.

ބްރެޒިލް އާއި އިންޑޮނޭޝިއާއިން ވަނީ 2008 ވަނަ އަހަރު ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ގާއިމުކޮށްފައެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާގައި ބްރެޒިލްގެ ފުރަތަމަ ސްޓްރެޓީޖިކް ޕާޓްނަރޝިޕެވެ. ދެ ގައުމުގެ ގުޅުން ވަނީ ދަނޑުވެރިކަމާއި ވިޔަފާރި، ބަޔޯއެނާޖީ، ދިފާޢު އަދި ދެމެހެއްޓެނިވި ތަރައްޤީ ފަދަ ދާއިރާތަކަށް ފުޅާވެފައެވެ. 2024 ވަނަ އަހަރު ދެގައުމުގެ ވިޔަފާރީގެ އަދަދު ވަނީ ރެކޯޑް އަދަދަކަށް 6.3 ބިލިއަން ޑޮލަރަށް އަރާފައެވެ.

ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ ވާނީ އާސިއާންގެ 47 ވަނަ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 26 އިން 28 އަށް މެލޭޝިއާގެ ކުއަލަލަމްޕޫރުގައެވެ. 2025 ވަނަ އަހަރު އާސީއާންގެ ރައީސްކަންކުރާ މެލޭޝިއާގެ އިސްނެގުމުގެ ދަށުން ބާއްވާ މި ސަމިޓްގައި އާސިއާން މެމްބަރު ގައުމުތަކުގެ ލީޑަރުންނާއި މުހިންމު ބައިނަލްއަޤްވާމީ ބައިވެރިން ބައިވެރިވެ، ސަރަހައްދީ އެއްބާރުލުމާއި، އަދި ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް މަސައްކަތްކުރާނެއެވެ.

މިއީ ޖެނުއަރީ 2023 ގައި އާ ދައުރަކަށް ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ލޫލާ ޑަ ސިލްވާ މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ޖަންޖާ ލޫލާ ޑަ ސިލްވާގެ އިތުރުން، ބްރެޒިލް ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ އެތައް ވަޒީރުންނާއި އިސްވެރިން މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އޮކްޓޯބަރު 25، ގައި ރައީސް ލޫލާ ޑަ ސިލްވާ ކޭއެލް އަށް ވަޑައިގަންނަވާނެ އެވެ.

އަދި ބައިނަލްއަޤްވާމީ ތަރައްޤީއަށް، ޚާއްސަކޮށް ގްލޯބަލް ސައުތުގެ ގައުމުތައް ކުރިއެރުވުމަށް ރައީސް ލޫލާ ޑަ ސިލްވާގެ ލީޑަރޝިޕް ފާހަގަ ކުރުމަށް އޮކްޓޯބަރު 25 ގައި ނޭޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެންޑް ދަ ގްލޯބަލް ސައުތްގެ ރޮނގުން އޮނޮރަރީ ޑޮކްޓަރޭޓެއް ލޫލާއަށް އެރުވުމަށް ހަމަޖެހިފައިވެއެވެ.

ހިއްސާ ކުރައްވާ!