ނޮވެމްބަރު މަހު ބްރެޒިލްގެ ބެލެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ކޮޕް30ގައި ޓިބެޓްގެ އުސްބިންތަކުގެ މޫސުމީ ނާޒުކުކަމާއި ފެނުގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލައިފިއެވެ. ޓިބެޓަކީ އޭޝިއާގެ ބައްރުގެ ފެނުގެ މަސްދަރެވެ. އެ ސަރަޙައްދުގައި ޗައިނާއިން ހިންގާ އަސްކަރީ ބޭނުންތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ހައިޑްރޯޕަވަރުގެ މަޝްރޫޢުތަކުގެ ސަބަބުން ދެކުނު އޭޝިއާގެ ދެ ބިލިއަނަށް ވުރެ ގިނަ މީހުންގެ ފެނުގެ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ "އަސްކަރީ އަދި މަދަނީ އެއްބައިވުމުގެ ޑޮކްޓްރިން" ގެ ދަށުން ޓިބެޓް ވަނީ ސްޓްރެޓީޖިކް އަދި ހަކަތަ އުފައްދާ މަރުކަޒަކަށް ބަދަލުކޮށްފައެވެ. މިގޮތުން ހިންގާފައިވާ ބޯޑަރުން ހުރަސްކުރާ ފެނުގެ މަޝްރޫޢުތަކާއި، ބޮޑެތި ހައިޑްރޯޕަވަރު ޑޭމްތަކަކީ ޓިބެޓްގެ ގަނޑު ފެން ވިރުމުގެ ނުރައްކަލާއެކު، ސަރަޙައްދީ ފެނުގެ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ. މި މަޝްރޫޢުތަކަކީ ޗައިނާގެ ފެނުގެ ސިޔާދަތާ ގުޅިފައިވާ "ހައިޑްރޯ-ސޮވަރިންޓީ" ނަޒަރިއްޔާތުގެ ދަށުން ހިންގާ މަޝްރޫޢުތަކެއް ކަމުގައި ބެލެވެއެވެ.
ޓިބެޓްގެ މާހައުލަށް ކުރިމަތިވެފައިވާ ގެއްލުންތަކުގެ ތެރޭގައި ގަދީމީ ޒަމާނުން އަށަގެންފައިވާ ދާއިމީ ގަނޑުފެން ވިރުމާއި، މައުދަންތައް އެސަރަހައްދުގަިއ ބޭނުންކުރުމުން އެއިން ފެންގަނޑު ތަޣައްޔަރުވުން އަދި ފެނުގެފަށަލައާއި ފެންބުރު ގެ އިކޯސިސްޓަމްތައް ހަލާކުވުން ހިމެނެއެވެ. މީގެ އިތުރުން، ޗައިނާއިން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ނެރޭ ރިޕޯޓުތަކުގައި ޓިބެޓާބެހޭ މައުލޫމާތު ވަކިވަކިން ހިމަނާފައި ނުވާތީ، މި ސަރަޙައްދުގެ މޫސުމީ ބަދަލުތަކަށް އެކަށޭނަ ގޮތްތައް ކަނޑައެޅުމަށް ކުރަން ޖެހޭ ބައިނަލްއަޤްވާމީ މަސައްކަތްތަކަށް ހުރަސްއެޅިފައިވެއެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކަންކަން ތަރުތީބު ކުރުމަށް ސިޔާސަތުތައް ކަނޑައެޅުމަށް ދަތިތަކެއް ކުރިމަތިވެއެވެ.
ކޮޕް30އަކީ މި މައްސަލަތައް ބައިނަލްއަޤްވާމީ ފެންވަރުގައި ހައްލުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އަމއިްލަ ޖަމުއިއްޔާތަކުގެ މަންދޫބުން ވަނީ "ފަރުބަދަ މަތީ ގަނޑުފެނާ ބެހޭ ސިޔާސަތު ކަނޑައަޅުމަށް އޮނިގަނޑެއް" އެކުލަވާލުމަށާއި ބޯޑަރު ހުރަސްކޮށް ދަތުރުކުރާ ފެނުގެ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމަށް ގޮވާލާފައެވެ. މިކަމާ ގުޅޭގޮތުން ބައެއް ތަޖުރިބާކާރުން ބުނެފައިވަނީ، "ހިމާލަޔާއާއި ޓިބެޓުގެ ވެށީގެ ނިޒާމަށް ހައްލު ނުހޯދައި، ދުނިޔޭގެ މޫސުމީ އެއްވެސް ނިޒާމަކަށް ޝަރުޢީ ބާރެއް ލިބިގެން ނުވާނެ" ކަމަށެެވެ.
ޓިބެޓްގެ މިހާރުގެ ޙާލަތު ބައްޓަންވަމުންދާ ގޮތަކީ ކުރިމަގުގައި އޭޝިއާގެ ސްޓްރެޓީޖިކް ހަމަޖެހުމާއި، ފެނުގެ ޖިއޮޕޮލިޓިކްސް އަދި މޫސުމީ ހަމަޖެހުން ކަށަވަރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ. އެހެންވެ، ކޮޕް30ގައި މި މައްސަލަ ހައްލުކުރުމަށް ބާރު އެޅުމަކީ ސަރަޙައްދީ ސަލާމަތަށްޓަކައި މުހިންމު ކަމެއްކަމަށް އަމިއްލަ ފަރާތްތަކުން ފާހަގަ ކުރެއެވެ.






