އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލައަށް ޕްރޮޕެގެންޑާ ކުރުމަށް ދުނިޔޭގެ ހަނގުރާމަތައް ހުއްޓުވުމަށް މަސައްކަތް ކުރާ ކަމަށް ދެއްކުމުން ވެސް ނޯބެލް ސުލްހައިގެ އިނާމަށް ނަން ހުށަހެއް ނޭޅުނެވެ. ނަމަވެސް، ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ޖަމްޢިއްޔާ ކަމަށްވާ ފީފާއިން ޓްރަމްޕަށް ސުލްހައިގެ އިނާމެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ ވާހަކަތަކެއް ވަނީ ތިލަވެފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯގެ މި މަސައްކަތްތަކުގެ ސަބަބުން، ފުޓުބޯޅަ، ދުނިޔޭގެ ސިޔާސަތާއި ޑިޕްލޮމެސީގެ މައިދާނަށް ވަދެގެންދާ މަންޒަރު ފެނިގެންދެއެވެ.
ނޮވެމްބަރު 5 ވަނަ ދުވަހު ފީފާއިން ވަނީ ކޮންމެ އަހަރަކު ދޭނެ އާ އެވޯޑެއް ކަމަށްވާ “ފީފާ ސުލްހައިގެ އިނާމު”ތަޢާރަފުކޮށްފައެވެ. މި އިނާމަކީ “ސުލްހައަށްޓަކައި ހާއްސަ މަސައްކަތްތަކެއް” ކުރާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މި އިނާމު ލިބޭ ފުރަތަމަ ފަރާތް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5 ގައި ވޮޝިންޓަންގެ ކެނެޑީ ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ޑްރޯގެ ތެރެއިންނެވެ. މި ރަސްމިއްޔާތު މިހާރު ވަނީ ސިޔާސީ ކަމަކަށް ބަދަލުވެފައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ މި އިނާމު އިއުލާނުކުރެއްވީ ޓްރަމްޕާއެކު އޯވަލް އޮފީހުގައި ބައްދަލުކުރެއްވުމަށްފަހުގައެވެ. އިންފެންޓީނޯ ވަނީ ޓްރަމްޕްގެ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، އިނާމު ލިބޭ ފަރާތަކީ “ގިނަ ބަޔަކު ހައިރާންކޮށްލާނެ” ފަރާތެއް ކަމަށް ވިދާޅުވެފައެވެ. އޭނާގެ މި ސިއްރު ބަސްތަކުގެ ސަބަބުން، ނޯބެލް އިނާމު ގެއްލުނު ޓްރަމްޕަށް މި އިނާމު ލިބިދާނެ ކަމަށް ބެލެވެން ފަށާފައި ވެއެވެ.
މި އިނާމަށް ވަކި ސާފު މިންގަނޑެއް ކަނޑައަޅާފައި ނުވުމަކީ ޝައްކު އުފެދޭ ކަމެކެވެ. ފީފާގެ ތާރީޚުގައި ސިޔާސީ ކަންކަމުގައި ބައިވެރިވެފައިވާ ގޮތަށް ބަލާއިރު، ހުޅަނގު ރުއްސުމަށް ފީފާއިން އިންފެންޓީނޯގެ ދައުރުގައި މަސައްކަތް ކޮށްފައި ވެއެވެ. ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ރަޝިޔާ ބާކީ ކުރިއެވެ. އެކަމަކު އެ މިންގަނޑު އިޒްރޭލަށް އެޕްލައި އެއް ނުކުރިއެވެ. އިންފެންޓީނޯގެ ދައުރުގައި ފީފާގެ މިފަދަ ކަންކަމުގެ ސަބަބުން، ފުޓުބޯޅައިގެ ދުނިޔޭގައި ސިޔާސީ ކަންކަމުގެ ނުފޫޒު އާލާވަމުންދާކަން ހާމަވެއެވެ.
މި އިނާމުގެ ސަބަބުން ފީފާގެ މަޤްޞަދުތަކާއި، ސިޔާސީ ކަންކަމަށް ވަނުމާ މެދު ގިނަ ސުވާލުތަކެއް އުފެދިގެންދާނެކަން ކަށަވަރެވެ.






