ޑްރައިވިން ޓެސްޓުން 128 ފަހަރު ފޭލިވެއްޖެ

ޔޫކޭގައި ޑްރައިވިން ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ ޓެސްޓުން 128 ފަހަރު މީހަކު ފޭލިވެއްޖެއެވެ. މިކަމަށް އޭނާ ވަނީ މިހާތަނަށް، 3871 ޑޮލަރު (2944 ޕައުންޑް) ޚަރަދުކޮށްފައެވެ. މިކަން ހާމަވީ، ޔޫކޭގެ ޑްރައިވިން ސްކޫލެއް ކަމަށްވާ އޭއޭ ޑްރައިވިން ސްކޫލުން ނެރެފައިވާ ތަފާސްހިސާބުތަކުން ނެވެ. ސްކައި ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ވަރަށް ހޭދަ ކުރުމަށް ފަހުވެސް ޓެސްޓު ފާސްވެފައެއް ނުވެއެވެ.

އެ ސްކޫލުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެހެން ދަރިވަރަކު ވަނީ 75 ވަނަ ފަހަރު ޓެސްޓު ހެދުމަށްފަހު ފާސްވެފައެވެ. އެ މީހާ ޖުމްލަ 1700 ޕައުންޑަށް ވުރެ ގިނައިން ޚަރަދުކުރަން ޖެހުނެވެ.

ޑްރައިވިން ޕްރެކްޓިކަލް ޓެސްޓަށް އެދެވޭނީ ތިއަރީ ޓެސްޓުން ފާސްވުމަށް ފަހުގައެވެ. ތިއަރީ ޓެސްޓު ހަދަން ކޮންމެ ފަހަރަކު 23 ޕައުންޑް ދައްކަން ޖެހެއެވެ.

މިދިޔަ އަހަރު، ޕްރެކްޓިކަލް ޓެސްޓުން ފާސްވުމަށް އެންމެ ގިނަ ޢަދަދަކަށް ޓެސްޓު ހަދާފައިވަނީ 21 ފަހަރެވެ. މި ޓެސްޓުތަކަށް 1302 ޕައުންޑާއި 1575 ޕައުންޑާ ދެމެދުގެ އަދަދެއް ޚަރަދު ކޮށްފައި ވެއެވެ. އަދި ދެ މީހަކު 37 ފަހަރު ޕްރެކްޓިކަލް ޓެސްޓު ހަދާފައިވާއިރު، އެ ދެ މީހުން ވެސް ފާސްވެފައެއް ނުވެއެވެ. މި މައުލޫމާތު ހޯދާފައިވަނީ ޑްރައިވަރުންނާއި އުޅަނދުފަހަރުގެ މިންގަނޑުތައް ބަލަހައްޓާ އެޖެންސީ (ޑީވީއެސްއޭ) އަށް ހުށަހެޅި މައުލޫމާތު ހާމަކުރުމަށް އެދި ހުށަހެޅި އެދުމަކަށް ފަހުގައެވެ.

ޑީވީއެސްއޭގެ މައުލޫމާތުތައް ދައްކާ ގޮތުން، 2024/2025 މާލީ އަހަރުގެ ތެރޭގައި ތިއަރީ ޓެސްޓުން ފާސްވެފައިވާ މީހުންގެ ނިސްބަތަކީ 44.9 އިންސައްތައެވެ. އަދި ޕްރެކްޓިކަލް ޓެސްޓުން ފާސްވާ މީހުންގެ ނިސްބަތަކީ 48.7 އިންސައްތައެވެ.

ހިއްސާ ކުރައްވާ!