މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) ގެ ސީއީއޯގެ މަގާމަށް، އޭޝިއާގެ ބައިނަލްއަގްވާމީ މާލީ މަރުކަޒުތައް ތަރައްގީކުރުމުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީ އައްޔަންކޮށްފިއެވެ. އޭނާ މިމަގާމަށް އައްޔަންކުރުމަކީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ފަދަ މާލީ މަރުކަޒެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީއަކީ، މާލީ ކަންކަން ރެގިއުލޭޓްކުރުމާއި، އޮފްޝޯރ މާލީ މަރުކަޒުތައް ތަރައްގީކުރުމާއި، މާލީ ދާއިރާގެ ގާނޫނީ އިސްލާހުތައް ގެނައުމުގެ ދާއިރާއިން ތިރީސް އަހަރަށްވުރެ ދިގު ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ.
އޭނާ މި މަގާމަށް އައްޔަންކުރުމަކީ، ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ރާއްޖެއަކީ އިންޑިއާ ކަނޑުގެ އެންމެ މުހިންމު މާލީ މަރުކަޒުގެ ގޮތުގައި ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުމާއި އެއްގޮތްވާ ކަމެއްކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ދާތޯ އިސްކަންދަރު މުޙައްމަދު ނޫލީއަކީ، އޭޝިއާގެ އެންމެ ގަދީމީ އޮފްޝޯރ މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ "ލަބުއާން އިންޓަރނޭޝަނަލް ބިޒްނަސް އެންޑް ފައިނޭންޝަލް ސެންޓަރ ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 1996 ވަނަ އަހަރު ލާބުއާން އެފް.އެސް.އޭ އާ ގުޅިވަޑައިގެންނެވުމަށްފަހު، ގާނޫނީ، ސުޕަރވައިޒަރީ، އަދި ސިޔާސަތުތަކާއި މުއާސަލާތީ ކަންކަމާ ބެހޭ މަގާމުތައް ފުރުއްވިއެވެ. އޭނާގެ ދައުރުގައި ލާބުއާންގެ ރެގިއުލޭޓަރީ ނިޒާމު ޒަމާނީކޮށް، ދުނިޔޭގެ މާކެޓްގައި ވާދަކުރުމަށް ފަހިކޮށްދެއްވިއެވެ.
އިސްކަންދަރު ވަނީ 1996 ވަނަ އަހަރުގެ 'ލާބުއާން ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ އެކްޓް' އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި 2008 ވަނަ އަހަރާއި 2010 ވަނަ އަހަރާ ދެމެދު، ލާބުއާންގެ މާލީ ދާއިރާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތް ކުރުމަށްޓަކައި، ގާނޫނީ ގޮތުން އިސްލާހުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވިއެވެ. ދުނިޔޭގައި ފުރަތަމަ ފަހަރަށް ކޮޑިފައިކޮށްފައިވާ އޮފްޝޯ ފައިނޭންސިންގއާ ބެހޭ އިސްލާމީ މާލީ ގާނޫނެއް ތައާރަފްކުރެއްވީވެސް އޭނާއެވެ. މިކަމުގެ ސަބަބުން އިސްލާމީ މާލީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ.
Maldives Taps Iskandar Mohd Nuli to Lead New Financial Authority, Aiming for Global Hub Status








