ޗައިނާއާއި ޖަޕާން ދެމެދު ސީރިއަސް ހަމަނުޖެހުންތަކެއް ހިނގަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން މި ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރެވިފައެވެ.
ބެއިޖިންއިން ވަނީ ޖަޕާނަށް ހަރުކަށި އިންޒާރެއް ދީފައެވެ. ޗައިނާއިން ބުނަނީ ތައިވާނާ ގުޅޭ ހަމަނުޖެހުމެއްގައި ޖަޕާނުން ބައިވެރިވެއްޖެނަމަ "ހަލާކުގެ ތެރެއަށް ވެއްޓި، ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިދާނެ" ކަމަށެވެ. މި އިންޒާރުން މި ސަރަހައްދުގެ ހަމަނުޖެހުންތައް އިތުރަށް ގޯސްކުރާނެ ކަމަށް ބެލެވެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސަނާއެއި ޓަކާޗީ ވަނީ މިއިންޒާރަށް ރައްދު ދެއްވާފައެވެ. ތައިވާނަށް ޗައިނާއިން ދޭ އެއްވެސް ހަމަލާއަކީ ޖަޕާންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިފަދަ ހަމަލާއެއް ޖަޕާންގެ މިނިވަންކަމަށާއި ދިރިއުޅުމަށް ނުރައްކާވާނެ ކަމަށްވެސް އޭނާ ފާހަގަކުރައްވައެވެ.
މިފަހަކަށް އައިސް މި ސަރަހައްދުގައި އަސްކަރީ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ. ޔޮނަގުނި ޖަޒިރާގެ ކައިރިން ޗައިނާގެ ޑްރޯނެއް ދަތުރުކުރުމުން ޖަޕާންގެ ޖެޓުތައް ވަނީ ހަރަކާތްތެރިކުރުވާފައެވެ. އަދި ސެންކަކޫ ރަށްތަކުގެ ކައިރީގެ ސަރަހައްދަށް ޗައިނާގެ ކޯސްޓުގާޑު ބޯޓުތަކުން ވަނީ ވަދެ ބާރު ދައްކާފައެވެ. މި ކަންކަމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
މި ހަމަނުޖެހުންތަކާއެކު ޖަޕާނުން ދަނީ އެ ގައުމުގެ ނިއުކްލިއަރ ހަތިޔާރާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަން ފަށާފައެވެ.
މުހައްލިލުން އިންޒާރު ދެނީ، މި ހަމަނުޖެހުންތައް ކޮންތްރޯލު ނުކުޔރެވިއްޖެނަމަ ބޮޑު ހަނގުރާމައަކަށް ބަދަލުވެ، އެމެރިކާއާއި އެ ގައުމުގެ އެކުވެރިންވެސް މި ހަނގުރާމައަށް ވަދެގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށްވެސް އެނަލިސްޓުން ބުނެއެވެ.







