ޗައިނާއިން 5 ލައްކަ ޓިކެޓް ކެންސަލް ކުރުމުން ހަލަބޮލިކަމެއް

ޗައިނާގެ ވެރިރަށް ބީޖިން އިން ނޮވެމްބަރު މަހުގެ މެދުތެރޭގައި ޖަޕާނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 5 ލައްކަ މީހުން ޓިކެޓް ކުއްލިއަކަށް ކެންސަލް ކުރުމުގެ ސަބަބުން އިރުމަތީ އޭޝިއާގެ އެވިއޭޝަން ދާއިރާއަށް ބޮޑު ހަލަބޮލިކަމެއް ކުރިމަތިވެއްޖެއެވެ. މި މައްސަލައަކީ ޖަޕާނުގެ ބޮޑުވަޒީރު ތަކައިޗީ ސަނާއި، ތައިވާނާ ގުޅުވައިގެން ޗައިނާއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމުން ބެއިޖިންގެ އިން އެޅި ފިޔަވަޅާ ގުޅިގެން ދިމާވބި މައްސަލައެކެވެ. ޖަޕާންގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ވަނީ ޓައިވާންގެ ދިފާއުގައި ވާހަކަ ދައްކަވައި ޗައިނާއިން ޓައިވާނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަކީ، ޖަޕާނުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިންޒާރު ދެއްވާފައެވެ. އެއަށް ފަހު ޗައިނާއިން ވަނީ ޗައިނާ ރައްޔިތުން ޖަޕާނަށް ދަތުރު ނުކުރުމަށް އަންގާފައެވެ. އަދި ޗައިނާގެ ސަރުކާރުން ބުނެފައިވަނީ މިއީ ޗައިނާގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

މި މައްސަލަ ކުރިމަތި ވުމާ ގުޅޮގެން 3 ދުވަސްތެރޭގައި 5 ލައްކަ ޓިކެޓް ކެންސަލް ކޮށްފައި ވެއެވެ. މީގެ ސަބަބުން އާއިލާތަކާއި، ދަރިވަރުންނާއި، ވިޔަފާރި ދަތުރުވެރިން ގެ ދަތުރަށް ހުރަސް އެޅިފައި ވެއެވެ. ނަމަވެސް، ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މިކަމުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖަޕާނަށްވުރެ ބޮޑަށް ޗައިނާގެ އަމިއްލަ އެއަރލައިންތަކަށެވެ. ޖަޕާނުގެ ދަތުރުތަކަށް ބަރޯސާވެފައިވާ ބަޖެޓް އެއަރލައިން ކަމަށްވާ ސްޕްރިންގް އެއަރލައިންސް އަށް ވަނީ މާލީ ދަތިތަކެއް ކުރިމަތި ވެފައެވެ. އެ އެއަރލައިންގެ ބައިނަލްއަޤްވާމީ ދަތުރުފަތުރާއި އާމްދަނީގެ 40 އިންސައްތަ ހިއްސާކުރަނީ ޖަޕާނަށް ކުރާ ދަތުރުތަކުންނެވެ.

ޗައިނާ-ޖަޕާންގެ އެވިއޭޝަން މާކެޓްގައި ގިނަ ދަތުރުތައްއ ކުރަނީ ޗައިނާގެ އެއަރލައިންތަކެވެ. އެހެންކަމުން ސިޔާސީ ގޮތުން ދިމާވާ މިފަދަ ހީނުކުރާ ހުރަސްތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ޗައިނާގެ އެއާލައިންތަކަށެވެ. ޖަޕާނުގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުވެފައިވާތީ، މިކަމުގެ އަސަރު އެޤައުމަށް ކުރާ މިންވަރު ކުޑަވެއެވެ.

ހިއްސާ ކުރައްވާ!