ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމާއި އަގަށް ގެނެސްފައިވާ އިސްލާހު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ގޮތް މިއަދު ހަމަޖައްސައިފިއެވެ. މިކަމުގެ ބޭނުމަކީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓް ލިބުނު މީހުންގެ އަމިއްލަ އަތުން ކުރި ޚަރަދު އަނބުރާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލިން 200،000ރ. ކުޑަކޮށްދޭން ނިންމާފައެވެ. މިކަން ކުރަން ނިންމާފައިވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްގެންނެވެ. މިހާރު ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު މަހަކު 4،984ރ. އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ ހިޔާ ފުލެޓް ލިބިފައިވާ މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. އެހެންކަމުން، ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެހާ ފަރާތްތަކުން "މައި ހުޅުމާލެ ޕޯޓަލް" ގެ އިއުލާނުގައިވާ ލިންކު މެދުވެރިކޮށް އެއްބަސްވުމުގެ އިސްލާހު ފުރިހަމަކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.







