ޖަރުމަނުގެ 154 ފާދިރީން 1945 ވަނަ އަހަރުން ފެށިގެން ޖިންސީ ގޯނާ ކުރިކަން ހާމަވެއްޖެ

ޖަރުމަނުގެ 154 ފާދިރީން 1945 އާއި 2022 އާ ދެމެދު، އެތައް ސަތޭކަ ކުޑަ ފިރިހެން ކުދިންނަށް، ޖިންސީ ގޯނާ ކޮށްފައިވާކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ. މި ގޯނާތައް ހިންގާފައިވަނީ ބޯޑިން ސްކޫލުތަކާއި ކެއަރ ހޯމްތަކުގައި، ނުވަތަ ދީނީ ތައުލީމު އުގަންނައިދޭ ކްލާސްތަކުގައި ނުވަތަ ފައްޅީގެ މަސައްކަތުގެ ތެރޭގައެވެ. ދިރާސާގައިވާ ގޮތުން 672 ކުދިންނަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ލަފާކުރެވެއެވެ.

400 ސަފްހާއަށް ވުރެ ދިގު ދިރާސާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހަގީގީ އަދަދު މިއަށްވުރެ ދެގުނަ އަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ގިނަ ހާލަތްތަކެއް އަދިވެސް ނޭނގި އޮތުމެވެ. މި ދިރާސާގައި ތުހުމަތުކުރެވޭ 154 މީހުންނަކީ، އެ މުއްދަތުގައި މަސައްކަތްކުރި 2400 ފާދިރީންގެ ތެރެއިން 6.4% އެވެ. އޭގެ ތެރެއިން 128 މީހުން ކުޑަކުދިންނާއި ޒުވާނުންނަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވެއެވެ.

ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، "މި އަދަދު އެހެން ފައްޅިތަކުގައި ހިންގި ދިރާސާތަކުން ދައްކާފައިވާ އަދަދަށްވުރެ ކުޑަކޮށް މަތިވެފައިވަނީ، މައިގަނޑު ގޮތެއްގައި ދިރާސާ ކުރުމުގެ އުސްލޫބު ތަފާތުވުމުންނެވެ. އެހެންކަމުން މިއީ ވަކި ޚާއްސަ ހާލަތެއްކަމަށް ނުބެލެވެއެވެ." އަދި ތުހުމަތުކުރެވޭ މީހުންގެ 86% އަކީ ތަކުރާރުކޮށް ކުށްކުރާ މީހުންކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ގޯނާގެ ޝިކާރައަކަށްވި މީހުންގެ އަދަދު ކަނޑައެޅުން އުނދަގޫވެއެވެ. އެއީ ގިނަ ފަހަރު މަސްދަރުތަކުން ބަޔާންކޮށްފައިވަނީ ކްލާސްތަކާއި، ފައްޅީގެ މަސައްކަތާއި ކުޑަކުދިންނަށް ދީނީ ލަވަ ދަސްކޮށްދޭ ގްރޫޕްތައް ފަދަ، "ކާހިނެއްގެ ފަރާތުން ގޯނާ ލިބިފައިވާކަމަށް ބެލެވޭ" މުޅި ގްރޫޕްތަކަށް ގޯނާކޮށްފައިވާ ކަމަށެވެ. ދިރާސާ އެކުލަވާލި ފަރާތްތަކުން ވަނީ، މިފަދަ "ގްރޫޕެއް" ގެ ތެރޭގައި މަދުވެގެން 3 ކުދިން ނުވަތަ ޒުވާނުން ހިމެނޭނެކަމަށް ބަލައި، އެ ހުރިހާ މެންބަރުންނަށް ޖިންސީ ގޯނާ ނުވަތަ އަނިޔާ ލިބިފައިވާކަމަށް ލަފާކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު، ދިރާސާކުރި ފަރާތްތަކުން ވަނީ މި ރިޕޯޓް، މިނިވަން ކޮމިޓީއަކަށާއި އަދި ޝިކާރައަކަށްވި މީހުންގެ ގާނޫނީ ވަކީލުންނަށް، އަދި އިސް ފާދިރީއަށް ހުށަހަޅާފައެވެ. މި ދިރާސާ އާންމުކޮށްފައިވަނީ، 2018 ވަނަ އަހަރު ޖަރުމަނުގެ ކެތަލިކް ފައްޅިން ނެރުނު ރިޕޯޓެއްގައި އެތައް ހާސް ޖިންސީ ގޯނާގެ ހާލަތްތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެއަށްފަހު ފައްޅިތަކުން ވަނީ ސައިންޓިފިކް ދިރާސާތަކަށް ބިނާކޮށް ތަހުގީގުތައް ފަށާފައެވެ. އަދި ޝިކާރައަކަށްވި މީހުންނަށް ބަދަލު ދިނުމުގެ މަސައްކަތް ވެސް ފަށާފައި ވެއެވެ.

ހިއްސާ ކުރައްވާ!