ބޮޑުތަކުރުފާނު މަގުގެ ހެދި ފުރަތަމަ ބައި އާންމުކޮށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމައި، އެ ސަރަހައްދު އާއްމުކޮށް ދަތުރުފަތުރުކުރުމަށް ހުޅުވާލައިފިއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމްލަ 144 މިލިޔަން ރުފިޔާއަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ޖުމްލަ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެއެވެ. މިހާރު ނިމުނު ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ބައިގައި ހިމެނެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށްވާ 130 މީޓަރުގެ ސަރަޙައްދެކެވެ. މި ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މި މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، މަގު ފުޅާކުރުމަށްޓަކައި އެ ސަރަޙައްދުގެ އެއްގަމު ތޮށި ވަނީ 6 މީޓަރަށް ބޭރަށް ޖައްސައި ތަރައްޤީކޮށްފައެވެ. މީގެ އިތުރުން، މި މަގު ތަރައްޤީކޮށްފައިވަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުގައެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނޭ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށްވާ 5 ބައިގެ ޖުމްލަ ދިގުމިނަކީ 838 މީޓަރެވެ.

ފުރަތަމަ ބައި ނިމުމާއެކު، ދެން އެމްޓީސީސީން މަސައްކަތް ފަށާނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދެއްގެ މަސައްކަތެވެ. މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ. މީގެ އިތުރުން މާލޭގެ މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ޗައިނާ ސަރުކާރުގެ އެހީގައި އިތުރު ބޮޑު މަޝްރޫޢެއްވެސް ފަށަން ނިންމާފައެވެ، އެކަމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ހިއްސާ ކުރައްވާ!