ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި ހިނގަމުންދާ ބޯޑަރުގެ ހަމަނުޖެހުންތައް އަލުން ފެށިގެން، ތައިލެންޑުން ވަނީ ކެމްބޯޑިއާގެ ސިފައިންނަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައެވެ. މި ހަމަލާތަކަކީ މި އަހަރުގެ ކުރީކޮޅު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު އަލުން ފެށިގެންދިޔަ ހަމަނުޖެހުންތަކެކެވެ. މި ހަމަނުޖެހުންތަކުގައި ތައިލެންޑްގެ ސިފައިންގެ މީހަކު މަރުވެ، ހަތަރު މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ތާއި ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ، އެމީހުންގެ ސިފައިންނަށް ކެމްބޯޑިއާގެ ފަރާތުން ހަމަލާ ދިނުމުން، އެކަމަށް ރައްދު ދިނުމުގެ ގޮތުން ކެމްބޯޑިއާގެ އަސްކަރީ މަރުކަޒުތަކަށް ވައިގެ މަގުން ހަމަލާ ދީފައިވާ ކަމަށެވެ. މި ހަމަނުޖެހުންތައް ހިނގާފައިވަނީ ތައިލެންޑްގެ ޔޫބޯން ރަތްޗަތާނީ ޕްރޮވިންސްގައެވެ. މިއީ ހަމަލަތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުން ބާތިލުކުރުމަށްފަހު ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ. ތައިލެންޑުން މި އެއްބަސްވުން ހުއްޓާލީ މިދިޔަ މަހު އެ ގައުމުގެ ސިފައިންގެ މީހަކަށް ލޭންޑްމައިނެއް ގޮވައިގެން ގެއްލުންވުމާ ގުޅިގެންނެވެ.
ކެމްބޯޑިއާގެ ދިފާއީ ވުޒާރާއިން ވަނީ ތައިލެންޑުން ހެނދުނު ހެނދުނާ ހަމަލާ ދޭން ފެށިކަމަށް ތުހުމަތުކޮށްފައެވެ. އަދި ކެމްބޯިޮއާއިން ބުނީ ބުނީ ކެމްބޯޑިއާގެ ސިފައިން އެކަމަށް ރައްދެއް ނުދޭ ކަމަށެވެ. އެހެންނަމަވެސް، ތައިލެންޑުން ތުހުމަތުކުރަނީ ކެމްބޯޑިއާގެ ސިފައިން ތައިލެންޑްގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބީއެމް-21 ރޮކެޓުން ހަމަލަ ދިން ކަމަށެވެ. ނަމަވެސް އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތައިލެންޑްގެ ބޯޑަރާ ކައިރީގައިވާ ހަތަރު ޑިސްޓްރިކްޓެއްގެ 4 ލައްކައެއްހައި އާންމުން ވަނީ ރައްކާތެރިކަމުގެ ހިޔާވަހިކަމަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އޭގެ ތެރެއިން 35,000 މީހުން މިހާރުވެސް ވަނީ ވަގުތީ ހިޔާވަހިކަން ހޯދާފައެވެ.
މެލޭޝިއާގެ ބޮޑު ވަޒީރު ވަނީ ދެ ގައުަމށްވެސް ކެތްތެރި ވުމަށް އެދިފައެވެ. އަދި އޮކްޓޫބަރު ގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިވެ ވަޑައިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެވުނެވެ. ކުރިން ހިނގި ފަސް ދުވަހުގެ ހަނގުރާމައިގައި 48 މީހުން މަރުވެ 3 ލައްކަ އާންމުން ވަނީ ހާލުގައި ޖެހިފައެވެ. ކެމްބޯޑިއާގެ ކުރީގެ ލީޑަރު ހުން ސެން ވަނީ ތައިލެންޑުން އުދުވާނީ ހަމަލައެއް ދިނީ ކަމަށް ތުހުމަތު ކުރައްވައި ހަމަޖެހުމަށް ގޮވާލައްވާފައެވެ. އަދި އަންވަރު އިބްރާހިމް ވަނީ އަލުން ހަނގުރާމަ ފެށުމަކީ ސުލްހައިގެ މަސައްކަތްތައް ނާކާމިޔާބުވެދާނެ ކަމެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.
ކެމްބޯޑިއާއާއި ތައިލެންޑްގެ ދެ ގައުމުގެ މެދުގައި 817 ކިލޯމީޓަރުގެ ދިގު ބޯޑަރެއްގެ ސަރަހަހައްދަށް ދެބަސްވުން އުފެދިފައިވެ އެވެ. މިއީ އިސްތިޢުމާރީ ޒަމާނުން ފެށިގެން އޮންނަ ދެބަސްވުމެކެވެ. މި ހަމަނުޖެހުންތައް އަލުން ފެށުމަކީ އޭޝިއާގެ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށް އާސިއަން އިން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ބެލެވެއެވެ.







