ޗައިނާ ސަރުކާރުން ދިން ކުއްލި އެހީތެރިކަމަށް މިނިސްޓަރު މޫސާ ޒަމީރު ޝުކުރު އަދާކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޢަޒުމް އާކުރައްވައިފިއެވެ. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު، މިއަދު ވަނީ ސަރުކާރުގެ ބައެއް ވުޒާރާތަކުގެ މަސައްކަތަށް ހީނަރުކަން ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ކުއްލި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި އެހީތެރިކަމަކީ، އަލިފާނުގެ ހާދިސާގައި ގެއްލުންވި ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތްތައް އަލުން ފެށުމަށް ޗައިނާއިން ދީފައިވާ އެހީތެރިކަމެކެވެ.
އެހީގެ ސާމާނު ރާއްޖެއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވަނީ ޗައިނާ ސަރުކާރުން ވެދިން އެހީގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ އަލިފާނުގެ ހާދިސާގައި ގެއްލުނު އޮފީސް ފަރުނީޗަރާއި ސާމާނުގެ ބަދަލުގައި ބޭނުންވާ ތަކެއްޗެވެ. މި އެހީގެ ސަބަބުން ސަރުކާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޮޑު އެހީއަކަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. ވަޒީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، ތަރައްޤީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ވަރުގަދަ އަދި ދެމިގެންދާ ގުޅުމެއް އެބައޮތް. މިއަދުގެ އެހީތެރިކަމަކީ ހަގީގީ ބައިވެރިކަމެއްގެ ސާފު ހެއްކެއް. އަދި މި އެހީގެ ސަބަބުން އަލިފާނުގެ ހާދިސާގައި ގެއްލުންވި ވުޒާރާތަކަށް ދިމާވި ގޮންޖެހުންތައް ވަރަށް ބޮޑަށް ލުއިވާނެ. މި ވަގުތު މި ދެއްވި ދީލަތި އެހީތެރިކަމަށް އަޅުގަނޑުމެން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،” މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވަނީ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ އާއެކު އެހީގެ ސާމާނު ހަވާލުކުރުމުގެ ލިޔުމުގައި ސޮއިކުރައްވާފައެވެ. މިނިސްޓަރު ޒަމީރު ވަނީ ދެގައުމުގެ ފައިދާއަށްޓަކައި ޗައިނާއާ އެކު އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން އޮތް ޢަޒުމް ޔަގީންކޮށް ދެއްވާފައެވެ.






