އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ޕާކިސްތާނު މީޑިއާއިން ބުނެފައި ވަނީ، އެގައުމަށް މި ޚައްސަ ދުވަހު ފާހަގަކުރާނެ މާބޮޑު ކާމިޔާބީއެއް ނެތްކަމަށެވެ. މީޑިއާއިން ވަނީ އެ ގައުމުގެ އިންސާނީ ހައްގުގެ ދާއިރާގެ ނާޒުކު ހާލަތު ވަރަށް ސާފުކޮށް ހާމަކޮށްދީފައެވެ.
ހައްދުފަނަހަޅާފައިވާ ހަރުކަށި ކަމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި، އަދި އިގްތިސާދީ ދަތިކަމުގެ ސަބަބުން އެތައް ރައްޔިތުން ތިބި ނާޒުކު ހާލަތުވެސް ބަޔާން ކޮށްފައި ވެއެވެ. މިކަންކަމުން އެންމެ ބޮޑަށް އަސަރު ކުރަނީ ކުޑަކުދިންނަށް ކަމަށްވެސް ބުނެއެވެ.
- ޕާކިސްތާނުގައި ގާތްގަނޑަކަށް 26 މިލިއަން ކުދިން ތިބީ ތައުލީމީ ނިޒާމުން ބޭރުގައެވެ.
- މީގެ އިތުރުން، ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން އުފަންވުމުން ރަޖިސްޓްރީ ކުރެވިފައިވަނީ އެންމެ 42 އިންސައްތަ ކުދިންނެވެ.
- ތައުލީމީ ފުރުސަތުތައް ދަތިކަމަށް ރިޕޯޓްތަކުން ދައްކައެވެ.
- ގާތްގަނޑަކަށް 40 އިންސައްތަ ކުދިންނަށް ވެސް ޕްރައިމަރީ މަދަރުސީ ތައުލީމު ފުރިހަމަކުރުމުގެ ފުރުސަތު ކުޑައެވެ.
- ހާއްސަކޮށް، ޚައިބަރު ޕަޚުތުންޚުވާއާއި ބަލޫޗިސްތާން ފަދަ ޕްރޮވިންސްތަކުގައި ހިނގާ ހަނގުރާމަ އާއި މޫސުމަށް އަންނަ އާދަޔާ ޚިލާފު ބަދަލުތަކުގެ ސަބަބުން މި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.
ޑޯން ނޫހުގެ އެޑިޓޯރިއަލްގައި ވެސް މޫސުމީ ބަދަލުތަކުގެ ނުރައްލަކަށް ވާހަކަ ދައްކާފައި ވެއެވެ.
- ވޯލްޑް ބޭންކުގެ ރިޕޯޓަކާ ހަވާލާދީ ބުނެފައިވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން 2030 ވަނަ އަހަރާ ހަމައަށް ދެކުނު އޭޝިއާގެ 49 މިލިއަން މީހުން ފަގީރުކަމުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
- މިހާރުވެސް ޕާކިސްތާނަށް ވަނީ ބަނޑުހައިހޫނުކަމުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައި ކަމަށް ބުނެއެވެ.
- ގާތްގަނޑަކަށް 11 މިލިއަން މީހުންނަށް ކާނާގެ ރައްކާތެރިކަން ނެތުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައި ވެއެވެ.
- ސިންދު އަދި ޚަައިބަރު ޕަޚުތުންޚުވާގައި ކާޑު ބަލީގެ އަސަރު ކުދިންގެ ކިބައިން ފެންނަމުން ދެއެވެ.
މީޑިއާއިން ވަނީ ރައްޔިތުންނަށް ފައިދާހުރި ސިޔާސަތުތަކެއް ސަރުކާރުން އަވަހަށް ތަންފީޒުކުރުމަށް ގޮވާލާފައެވެ.
- މިސިޔާސަތުތަކުގެ ތެރޭގައި ކާނާގެ ރައްކާތެރިކަން، ބޯހިޔާވަހިކަން، މޫސުމީ ބަދަލުތަކަށް ކަތާނެ ދަނޑުވެރިކަން، ސާފު ބޯފެން، އަދި މޮބައިލް ތައުލީމީ އަދި ސިއްހީ ޔުނިޓްތައް ގާއިމްކޮށް ހަރަކާތްތެރި ކުރުމަށް ގޮވާލާފައި ވެއެވެ.
- މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީވުމުގެ މުހިންމުކަން ފާހަގަކޮށްފައި ވެއެވެ.
- އިންސާނީ ހައްގުތަކުގެ ނިޒާމެއް ހަރުދަނާކޮށް ހިންގޭނީ ސިޔާސީ ބޭފުޅުން ހައްގުތައް ފޭރުމާ ގުޅޭގޮތުން ޖަވާބުދާރީކުރެވުމުން ކަމަށްވެސް ވަނީ ބަޔާންކޮށްފައި ވެއެވެ.
- މީޑިއާ ރިޕޯޓްގައި ބުނެފައި ވަނީ، ޕާކިސްތާނުގެ ކުޑަކުދިންނަށް ކުރިމަގު ބިނާވެފައި ވަނީ މަހުރޫމުކަމާއި ނޭނގުމުގެ ތެރޭގައި ކަމަށެވެ.
- އެހެންކަމުން، މިހާލަތުން އަރައިގަތުމަށްޓަކައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް ކަމަށް ބުނެ ސަރުކާރަށް ގޮވާލާފައި ވެއެވެ.







