ބަލޫޗިސްތާންގައި ޑެތު ސްކޮޑްތައް ހަރަކާތްތެރި ވަނީ

ބަލޯޗިސްތާނުގައި ހިނގަމުންދާ ޓެރަރިސްޓް ހާދިސާތަކުގެ ތެރެއިން، ޕަންޖްގޫރު ޑިސްޓްރިކްޓްގެ ޕަރޯމް ސަރަހައްދުގައި ބަޑިޖަހައި ތިން ޒުވާނަކު މަރާލައިފިއެވެ. ލޯކަލް މަސްދަރުތަކުން ބުނާ ގޮތުގައި، ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ އެ މީހުންނަށް ބަޑިން ހަމަލާދިނުމަށްފަހު ފިލާފައެވެ. މި ހަމަލާގެ ފަހަތުގައިވާ މަގްސަދެއް ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ބަލޫޗިސްތާން ސަރަހައްދުގެ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި މި މަރުތަކަކީ "ޑެތް ސްކޮޑް" ގެ ނަމުން މަޝްހޫރުވެފައިވާ ހަތިޔާރު އެޅި ގްރޫޕަކުން ހިންގި އަމަލެކެވެ. މިއީ ބަލޯޗް ނޭޝަނަލިސްޓް ގްރޫޕްތަކާއި، އެކްޓިވިސްޓުން އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން، މުއައްސަސާތަކުގެ އެހީތެރިކަމާއެކު ބަލޯޗިސްތާނުގައި ހަރަކާތްތެރިވާ ކަމަށް ބުނާ ހަނގުރާމަވެރިންނަށް ނިސްބަތްކޮށް ބޭނުންކުރާ ނަމެކެވެ. ނަމަވެސް، ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މި ތުހުމަތުތަކަށް ރަސްމީކޮށް ރައްދުދީފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ޕްރޮވިންސްގައި ހިނގަމުންދާ ސިލްސިލާ ޓެރަރިސްޓް އަމަލުތަކާ ގުޅިގެން މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ބަލޯޗް ޔަކްޖެހްތީ ކޮމިޓީ އިން ވަނީ ފަހަކަށް އައިސް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ބަލޯޗިސްތާނުގެ އާންމު ރައްޔިތުންނާއި، އިލްމީ ބޭފުޅުންނާއި، ސަގާފީ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމުގެ އިންޒާރު ދީފައެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި، ޔުނިވަރސިޓީ އޮފް ބަލޯޗިސްތާންގެ ޚާރާން ސަބް ކެމްޕަސްގެ ލެކްޗަރާއެއް ކަމަށްވާ ދިލާވަރު ޚާން މަރާލި ހާދިސާ ފާހަގަކޮށްފައިވެއެވެ. ބީވައިސީއިން ބުނާ ގޮތުގައި، މާރިޗު 4 ވަނަ ދުވަހުގެ ހެނދުނު ކެމްޕަސްގެ ބޭރުގައި ހުއްޓާ ހަތިޔާރު އެޅި ބަޔަކު ވަނީ އޭނާއަށް ބަޑިން ހަމަލާދީފައެވެ. މި ހަމަލާގައި ދިލާވަރު ޚާން މަރުވިއިރު، އޭނާއާއެކު ހުރި ޕަންޖްގޫރަށް ނިސްބަތްވާ ބިލާލް އަހުމަދަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާއަށް ކުއެޓާއަށް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ބަލޯޗީ ބަހުން ލަވަކިޔާ ތާލިބް ނަޒީރު މަރާލި ހާދިސާވެސް ބީވައެސީން ފާހަގަކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މަރާލާފައިވަނީ އަމިއްލަ ގޭގައި ހުއްޓާ ބަޑިޖަހައިގެންނެވެ. ބަލޫޗީން މި ހާދިސާ ސިފަކޮށްފައިވަނީ ބަލޯޗީ ސަގާފަތާއި އަމިއްލަވަންތަކަން ކުރިއަރުވާ ފަންނާނުންނާއި އަޑުތަކާ ދެކޮޅަށް ހިންގާ ފުޅާ ދާއިރާއެއްގެ އަނިޔާވެރިކަމުގެ ބައެއްގެ ގޮތުގައެވެ.

ހިއްސާ ކުރައްވާ!