ސިޑްނީގެ ބަޠަލު އަޙްމަދު އަލްއަޙްމަދު އަށް ކަމޭހިތައި މާލީ ގޮތުން އެހީ ވެދީފި

އޮސްޓްރޭލިއާގެ ސިޑްނީގެ ބޮންޑާއި ބީޗުގައި ހިނގި ބަޑީގެ ހަމަލާގެ ތެރޭގައި ބަޑި ހިފައިގެން އުޅުނު މީހެއްގެ އަތުން ހަތިޔާރު އަތުލައި ގިނަ ބަޔެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރި އަހުމަދު އަލްއަހުމަދުއަށް މީހުން ހިތްވަރުދީ އޭނާގެ ހިތްވަރުގަދަކަން ފާހަގަ ކޮށްފިއެވެ.

އުމުރުން 43 އަހަރުގެ އަޙްމަދު އަލްއަޙްމަދު އަށް، އެކި ފަރާތްތަކުން ވަނީ މާލީ އެހީގެ ގޮތުގައި މިހާރު 1.1 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (744،000 ޔޫ.އެސް ޑޮލަރު) ހޯދައި ދީފައެވެ. އޭނައަކީ ދެ ކުދިންގެ ބައްޕަ އެކެވެ. އަޙްމަދު، މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އޭނާގެ ހިތްވަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ތައުރީފުކުރަމުންނެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އަޙްމަދުއަކީ ކުރިން ފުލުހެއްގެ ވަޒީފާ އަދާކުރި މީހެކެވެ. ބޮންޑާއި ބީޗުގައި ހިނގި ޙަމަލާގައި، ބަޑި ހިފައިގެން އުޅުނު މީހަކާ ކުރިމަތިލައި އޭނާގެ ރައިފަލް އަތުލި ނަމަވެސް، ދެވަނައަށް އުޅުނު މީހާ ދިން ބަޑީގެ ދެވަނަ ހަމަލާއެއްގައި އަހުމަދުގެ އަތަށާއި ގަޔަށް ވަޒަން އަރައި ޒަހަމްވިއެވެ. މިހާރު ސިޑްްނީގެ ސެއިންޓް ޖޯޖް ހޮސްޕިޓަލުގައި އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒީ، ވަނީ އަޙްމަދުގެ ހިތްވަރު ގަދަކަމަކީ، "އިންސާނިއްޔަތުގެ އެންމެ މޮޅު މިސާލު" ކަމަށް ސިފަކުރައްވާފައެވެ. އަދި، ނިއު ސައުތު ވޭލްސްގެ ޕްރިމިއާރ ކްރިސް މިންސް އަދި އެމެރިކާގެ ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އޭނާ ބަޠަލެއް ކަމަށް ވިދާޅުވެފައެވެ. އަޙްމަދުގެ ބައްޕަ މުޙައްމަދު ފަތަޙް އަލްއަޙްމަދު ބުނެފައި ވަނީ އޭނާގެ ދަރިފުޅު އެކަން ކުރީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ރޫޙުގައި ކަމަށެވެ.

ބައްޕައަކާއި ދަރިއަކު ގުޅިގެން ބޮންޑާއި ބީޗްގައި ދިން މި ޙަމަލާގައި 15 މީހުން މަރުވިއެވެ. އޭގެ ތެރޭގައި ޣައްޒާ ޖެނޮސައިޑްގައި އުޅުނު ބަޔަކު ހިމެނޭ ކަމަށވެސް ރިޕޯޓްތައް ބުނެއެވެ.

މިއީ އޮސްޓްރޭލިއާގެ ތާރީޚުގައި ފާއިތުވި ގާތްގަނޑަކަށް 30 އަހަރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވި ބަޑީގެ ޙަމަލާއެވެ.

އަޙްމަދަށް އެހީވުމަށް ހުޅުވާފައިވާ ގޯފަންޑްމީ ކެމްޕޭނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ބޮޑު ތާއީދެއް ލިބިފައެވެ. އަދި އަޙްމަދު ފަރުވާ ހޯދަމުން އަންނަ ސެއިންޓް ޖޯޖް ހޮސްޕިޓަލަށް ގިނަ ބަޔަކު ވަނީ މާ ބޮނޑިވެސް ހަދިޔާކޮށްފައެވެ،.

ހިއްސާ ކުރައްވާ!