ކުއޯޑް ސަމިޓަށް އިންޑިއާއިން ތައްޔާރު ވަނީ

އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް އެކުލަވާފައިވާ ހަތަރު ގައުމުގެ "ކުއޯޑް" ގެ ސަމިޓް އޮންނާނީ އިންޑިއާގައެވެ. އިންޑިއާގައި ހުންނަވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ފިލިޕް ގްރީން ވިދާޅުވާ ގޮތުގައި ކުއޯޑް އިން ވަނީ ދެ ސަރަހައްދުގައި ސަލާމަތީ ކަންކަން ވިލަރެސް ކުރުމުގައި ކާމިޔާބު ވެފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އޮސްޓްރޭލިއާއިން ކުރިއަށް އޮތް ކުއޯޑް ސަމިޓަށް ފުރިހަމައަށް އެއްބާރުލުން ދޭނެއެވެ.

އޮސްޓްރޭލިއާ ހައިކޮމިޝަނަރ ވިދާޅުވާގޮތުގައި ދުނިޔޭގައި ވިޔަފާރިއާއި ސަލާމަތީ ދާއިރާތަކުން ހަލަބޮލިކަން އުފެދިފައިވީ ނަމަވެސް، ނިއުދިއްލީއާއި ކެންބަރާގެ ގުޅުންތައް "ވަރަށް ހަރުދަނާ" ކަމަށާއި، ދެގައުމުގެ ދެެމދު ސްޓްރެޓީޖިކް އިތުބާރުގެ މަތީ ފެންވަރެއްގެ ގުޅުމެއް އާލާވެފައިވެއެވެ.

ކުއޯޑްގެ ކުރިއަށް އޮތް ސަމިޓް ބައްވާނީ އިންޑިއާގައެވެ. އިންޑިއާއިން މި ސަމިޓަށް އަދި މުއްދަތެއް ދީފައެއް ނުވެއެވެ. އޮސްޓްރޭލިއާ ހައިކޮމިޝަނަރު ވިދާޅުވާގޮތުގައި، އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ހުންނެވީ، މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށެވެ.

ކުއޯޑްގެ ހާރިޖީ ވަޒީރުންގެ ދެ ބައްދަލުވުމެއް ވަނީ މި އަހަރު ބާއްވާފައެވެ. އޭގެ ތެރޭގައި ޖުލައި މަހު ވޮޝިންގޓަންގައި ބޭއްވި ބައްދަލުވުން ހިމެނެއެވެ. އަދި އޮސްޓްރޭލިއާގެ ހާރިޖީ ވަޒީރު ޕެނީ ވޮންގް ދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އިންޑިއާ-އޮސްޓްރޭލިއާ ގުޅުން "ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައި" ވާކަމަށް ފާހަގަކުރައްވައި ދެގައުމުގެ ގުޅުމުގެ ކުރިމަގަށް ތައުރީފް ކުރައްވާފައެވެ. އަދި ވޮންގް އިތުރަށް ވިދާޅުވީ، ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ދެން އޮތް މަރުހަލާގައި ދެ ގައުމަށާއި، ސަރަހައްދަށް ފައިދާވާނެ ކަންކަމަށް ނިއުދިއްލީއާއި ކެންބަރާއިން އިސްކަންދޭނެ ކަމަށެވެ.

ކުއޯޑާކީ އިންޑޮޕެސިކްގެ ކަނޑުގެ ސަލާމަތާ ގުޅޭ މުހިންމު ކަންކަމުގައި މަޝްވަރާކުރާ ފޯރަމެކެވެ. އެގޮތުން މުމްބާއީގައި ކުއޯޑް ގައުމުތަކުގެ ބަނދަރާ ބެހޭ ކުއޯޑް ޕޯޓްސް އޮފް ދަ ފިއުޗަރ ކޮންފަރެންސް ވެސް ބާއްވާފައި ވެއެވެ. މި ކޮންފަރެންސްގައި 24 ގައުމެއްގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

 

ހިއްސާ ކުރައްވާ!