ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް، ގާތްގަނޑަކަށް 97 އިންސައްތަ ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރުމަށް ހުށަހަޅާފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި އެންމެ ގިނަ ދާއިރާއަށް ކެންޑިޑޭޓުން ނެރޭނެ ފަހަރެވެ.
މިކަމާ ބެހޭގޮތުން މައުލުމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޕީއެންސީގެ ކެމްޕޭން މެނޭޖަރު އަދި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ކައުންސިލް އިންތިޚާބުތައް ބާއްވަން ފެށި ފަހުން، މިހައި ގިނަ އަދަދެއްގެ ކެންޑިޑޭޓުންގެ ބައިވެރިވުމެއް ފެނިފައިނުވެއެވެ.
"2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރަން ހުށަހަޅާފައިވާ ކެނޑިޑޭޓުންގެ އަދަދު އަޅުގަނޑުމެން ބަލާލިން. ބައެއް ޕާޓީތަކަށް 80 އިންސައްތަ އަށް ވާދަ ކުރެވިފައިވޭ. 90 އިންސައްތައިން މައްޗަކަށް ނާރާ. މިފަހަރު ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ނިސްބަތް 97 އިންސައްތައަށް އަރާ." ފަލާޙު ވިދާޅުވިއެވެ.
ޕީއެންސީން ކެންޑިޑޭޓުން ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލީ ޑިސެމްބަރު 1 ވަނަ ދުވަހުން 15 ވަނަ ދުވަހަށެވެ. މީގެކުރިން އިންތިޚާބުތަކުގައި ކެންޑިޑޭޓުން ކުރިމަތި ލުން މަދުވެގެން މުއްދަތު އިތުރުކުރަން ޖެހޭނެ ކަމަށް ބެލެވުނު ނަމަވެސް، މިފަހަރު ލިބުނު ބޮޑު ތަރުހީބާއެކު ދެ ހަފްތާގެ ތެރޭގައި މުއްދަތު ހަމަވެގެން ކުރިމަތިލުން ބަންދުކުރީ ކަމަށް ފަލާޙް ވިދާޅުވިއެވެ. މިއީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ކުރައްވާ ހެޔޮވެރިކަން ރައްޔިތުން ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށާއި އަދި އާއްމުންގެ ތެރޭގައި ޕީއެންސީއަށް އޮތް ތާއީދު އިތުރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ފަލާޙް ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ. ވޯޓުލުން އޮންނާނީ އެދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
PNC Launches Primary With Record Candidate Slate Ahead of Local Council Elections



