ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް ހަތް މައިގަނޑު ދާއިރާއަކުން އިސްލާޙީ މަސައްކަތްތަކަށް ވައުދުވެވަޑައިގެންފިއެވެ. ރޭ ސޯޝަލް ސެންޓަރގައި ބޭއްވި މި ބައްދަލުވުމަކީ ތިން ގަޑިއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމެކެވެ. ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި އެމީހުންގެ ވިޔަފާރި ދެމިއޮތުމަށާއި ކުރިއެރުވުމަށް މި ކަންކަން ވަރަށް މުހިންމެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ވިޔަފާރިތަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމަވާފައެވެ. އޭގެ ތެރޭގައި ކަސްޓަމްސް ކްލިއަރެންސް އަދި ކާގޯ ހެންޑްލިންގ ދާއިރާއިން 18 ގަޑިއިރުން 24 ގަޑިއިރަށް ކްލިއަރެންސްގެ މަސައްކަތްތައް ބަދަލުކުރުން ހިމެނެއެވެ. އަދި ވައިގެ މަގުން އަންނަ ކާގޯގެ ޑެމަރޭޖް މުއްދަތު 80 ގަޑިއިރުން 124 ގަޑިއިރަށް އިތުރުކުރުމަށް ވަނީ ނިންމަވާފައެވެ.
"ކުލިއަރިން މަސައްކަތަށް މިހާރު މި އޮންނަނީ އެއް ޝިފްޓް ނޫނީ ދެ ޝިފްޓް. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކުލިއަރެންސް މަސައްކަތް މި ކުރަނީ. އެގޮތަށް އޮތުމުގެ ބަދަލުގައި ރައުންޑް ދަކްލޮކް 24 ގަޑިއަށް ބަދަލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.
ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާތައް ހިއްސާކުރުމުން އެކަމަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމްއޭސީއެލްގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް އެއާކާގޯ ޑެމަރޭޖް ނުވެ ބެހެއްޓޭ ވަގުތު އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.
"އެމްއޭސީއެލްގެ ފަރާތުން …… މި 80 ގަޑިއިރު 124 ގަޑިއިރަށް ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނަން. އިރާދަކުރެއްވިއްޔާ، 80 ގަޑިއިރުން 124 ގަޑިއިރަށް،" ރައީސް ވިދާޅުވިއެވެ.
ޓެކްސްގެ ލުއިތަކާއި މީރާއަށް ވިޔަފާރިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި އިތުރު ލުއިތައް ދިނުމުގެ ފުރުސަތު ބެލުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
"ގާނޫނީގޮތުން ބަލަން އޮތް ކަމެއް އޮތްތޯ ބެލުމާއެކީގައި މީރާ އާއި ފިނޭންސްއާ އެކީގައި އިށީނދެގެން އަޅުގަނޑުމެން ބަލައިދޭނަން އެއަށްވެސް އެންމެ ރަނގަޅު ހައްލެއް ގެނެސްދޭން. ހަމަ ޔަގީނުން ވެސް ރަނގަޅު ހައްލެއް އަންނާނެ." ރައީސް
އަދި ސަރުކަރުން ދައްކަން ހުރި ފައިސާ ދައްކާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. އެގޮތުން ރަމަޟާން މަސް އައުމުގެ ކުރިން، ސަރުކާރުން އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ޚަލާސްކުރާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
"ދޭން ހުރި ފައިސާ ވެސް އިރާދަކުރެއްވިއްޔާ، މި ދެންނެވިހެން ފުދޭ ވަރަކަށް ގިނަ ފަރާތްތަކަކަށް މި މަސް ނިމޭއިރަށް، އަދި ބާކީ މިއޮތް 15 ދުވަސް ތެރޭގައި، އިރާދަކުރެއްވިއްޔާ މި ބަލަނީ ޕޭ ކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި ޖެނުއަރީ މަސްތެރޭގައި ބާކީ އެމައުންޓް ވެސް ރޯދަމަހާ ހިސާބަށް ދާންވާއިރަށް ކުލިއާކޮށްލެވޭތޯ މި ބަލަނީ،" ރައީސް
އޮތެންޓިކް މޯލްޑިވްސްގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިއްކާ ފަރާތްތަކަށް އަލީބާބަގައި އެމީހުންގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމަށް ވެސް ވަނީ ނިންމަވާފައެވެ.
"އޮތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރ ވެފައިވާ ފަރާތްތަކުން އަލީބާބާގައި ޕްރޮޑަކްޓްސްތައް ވިއްކޭނެ ގޮތް މިއަދު މި ހަމަޖެހުނީ. އަލީބާބާގައި ރެޖިސްޓްރީވެފައި މިވަނީ 400 ވެންޑަރުން. އެފަރާތްތަކަށް މިހާރު އަލީބާބާގައި އެކްސެސް ލިބިގެން ގޮސްފައި މިވަނީ،" ރައީސް ވިދާޅުވިއެވެ.
President Muizzu Pledges Sweeping Reforms for Small Businesses
މީގެ އިތުރުން، ޑިޖިޓަލް ޕޭމަންޓްސް އަދި މާލީ އިންޓަގްރޭޝަންގެ ދާއިރާއިން ޕޭޕަލްއާ އެއްފަދަ ލޯކަލް ނިޒާމެއް ކަމަށްވާ 'ސްވައިޕް' ލޯންޗުކުރުމާއި، އިތުރު ޚަރަދަކާ ނުލައި މިމަހުގެ ތެރޭގައި ސްވައިޕްގެ ބީޓާއަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ބޭރުގެ ނެޓްވޯކްތަކާ އިންޓަގްރޭޓެޑް ކުރެވި، އިތުރު ޗާޖަކާ ނުލައި ބޭރުން ފައިސާ ގެނެވޭނެ އިންތިޒާމު އެ ފެސިލިޓީގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ވެއަރހައުސިންގ އަދި އުމްރާނީ ތަރައްޤީއަށް ޓަކައި ވިޔަފާރިތަކަށް ވެއަރހައުސް އެޅުމަށްޓަކައި ކުޑަ އަގެއްގައި ބިން ހޯދައިދިނުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
"އަދި ތިބޭފުޅުންނަށް ކުޑަ އަގެއްގައި ބިން ކުއްޔަށް ނެގޭނެ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން. އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އަދި …. ލުއި ގޮތެއްގައި ހަޤީޤީ މާނާގައި ކުޑަ ކުއްޔަކަށް ބަލާނަން" ރައީސް
އަދި ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީގެ ވާހަކަ ހުށަހެޅުމުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީއާއި ގުޅުންހުރި އެހެނިހެން ޚަރަދުތައް އިސްލާހުކޮށް، ލުއިކޮށްދިނުމަށް ވެސް ވަނީ ނިންމަވާފައެވެ.







