ވަޒީފާއާ ބެހޭ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނެސް މަޖިލީހުން ފާސްކޮށްފި

ވަޒީފާއާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މުހިންމު އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާޙުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، އަންހެން މުވައްޒަފުން ދަރިފުޅަށް ގާތުންދިނުމަށް ދޭ ހުސްވަގުތަށް ގެނައި ބަދަލެވެ. ކުރިން އޮތް ގޮތުން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބެނީ ދަރިފުޅަށް އެއް އަހަރު ފުރުމާ ހަމައަށެވެ. ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓްގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހޭނެއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި މުވައްޒަފުން ވަކި ކުރަން ނޯޓިސް ދިނުމާއި އިތުރު ގަޑީގެ ފައިސާ އަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ އެއްބަސްވުން ހަދާފައިވާ މުވައްޒަފަކު ވަކިކުރާ ނަމަ، އެ މުވައްޒަފަކަށް މަދުވެގެން ދެ ހަފުތާގެ ނޯޓިސް ދޭން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އިތުރުގަޑީގައި މުވައްޒަފަކު މަސައްކަތް ކުރުވަން ޖެހޭނީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ބައެއް ބާވަތުގެ ވިޔަފާރިތަކަށް ބިދޭސީން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ކެބިނެޓަށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިގޮތަށް އިސްތިސްނާ ދެވޭނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، އާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ އިތުރުން ވިޔަފާރީގެ ވާދަވެރިކަން އުފެއްދުމަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްކުރުމުގެ މަރުހަލާގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ބައެއް އިސްލާހުތައް ހުށަހެޅި ނަމަވެސް އެ ކަންކަމަށް ތާއީދު ލިބިފައެއް ނުވެއެވެ. އޭގެ ތެރޭގައި ދަރިން ގާތަށް ދިޔުމަށް ދޭ ހުސްވަގުތު ޖުމްލަ ދޮޅު ގަޑިއިރަށް އިތުރުކުރުމަށާއި، ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ހުށަހެޅި އިސްލާހު ހިމެނެއެވެ. މި ހުށަހެޅުންތަކަށް ތާއީދު ނުލިބުމުން އެ އިސްލާހުތައް ވަނީ ބޭރުވެފައެވެ.

ހިއްސާ ކުރައްވާ!