މި ދަންނަވަނީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާނެ ބަޔަކު ހޮވާދޭށޭ: ނައިބު ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކު އިންތިހާބު ކޮށްފިނަމަ، ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސަތުތައް ތަންފީޒު ނުކުރާނެ ކަމަށް ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ޕީއެންސީގެ ސިޔާސަތު ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށާއި، އެމަނިކުފާނުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ތަރައްގީގެ ޕްލޭން އެމަނިކުފާނު އެކަށައެޅުއްވި ގޮތަށް ތަންފީޒު ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޕީއެންސީން ތާއީދު ކުރުމާއެކު، އެމްޑީޕީން އެކަމަށް ދެކޮޅު ހަދައި މަގުމަތީގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށެވެ. ތަރައްގީ ހޯދައިދެވޭނީ ތަރައްގީ ހޯދުމުގެ ވިސްނުން ހުރި ބަޔަކު ތިބެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަނީ ރައްޔިތުންގެ އަޑު ނާހައި އަދި ކައުންސިލުތަކާ ބައްދަލުނުކޮށް ކަމަށް ބުނެ ވާދަވެރިންނަށް ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ނުދެއްކޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ ރެކޯޑް މުއްދަތެއްގެ ތެރޭގައި، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު ބައްލަވާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ގެންގުޅުއްވާ ތަރައްގީގެ ވިސްނުން ވާދަވެރިންގެ ކިބައިން ނުފެންނާނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީގެ ވިސްނުމާއި ސަރުކާރުގެ ވިސްނުމުގެ އިތުރުން ކައުންސިލުތަކުގެ ވިސްނުން ވެސް އެއްގޮތްވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!