ކެމްޕެއިން ހަރަކާތުގައި ރައީސް މިއަދު ހުޅުމާލެ މެދު ދާއިރާއަށް ވަޑައިގެންފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ދޮރުންދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރު ޝްވެކް ސިނަމާ ކައިރިން ފެށި މި ހަރަކާތުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، މާލޭގެ އެކި ދާއިރާތަކުގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

މި ރަމަޟާން މަސްތެރޭގައި ރައީސް ގެންދަވަނީ މާލޭގެ އެކި ދާއިރާތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، ވިލިމާލެއަށްވެސް ވަޑައިގެން އެ އަވަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވާފައެވެ. ރައީސް ވަނީ ހުޅުމާލެ ދެކުނަށްވެސް ވަޑައިގެންފައެވެ. މިއަދު ހުޅުމާލެ މެދު ދާއިރާގައި ކުރިއަށްދިޔަ ހަރަކާތަށްވެސް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ހުޅުމާލެއަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުން އަންނަ ސަރަހައްދެކެވެ. މާލޭގެ ދާއިރާތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް ޕީއެންސީން އަންނަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

ހިއްސާ ކުރައްވާ!