ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް: ގާސިމް އިބްރާހީމް

ރާއްޖޭގެ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ، ޤައުމުގެ ސިޔާސީ ހަމަޖެހުމަށާއި އިޤްތިޞާދަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަޙް ބަދަލުވެފައިވާ ގޮތަށް ބަލާއިރު، މި ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ މިހާރު ލަސްވެފައިވާ ކަމެއް ކަމަށެވެ. ޚާއްޞަކޮށް ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހުމަކީ ޤައުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

" 2019 އަދި 2023 ގެ އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވެއެވެ. އެހެންކަމުން މިހާރު މިއޮތް ގޮތުން ރައްޔިތުން 5 އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ކުރާފަރާތަށް މިޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ 6 މަސްދުވަސް އެކަމުގައި ހޭދަކުރާށެވެ. އަދި މީގެ އިތުރުން މަޖިލީހުގެ އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެސަރުކާރުގެ ފުރަތަމަ ބަޖެޓް ހާވިޔާކޮށްލާ، ރައީސް އަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައި ވެއެވެ. " ގާސިމް އިބްރާހީމް

ގާސިމް އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ނެތުމުގެ ސަބަބުން އަލަށް އެކުލަވާލާ ސަރުކާރުތަކަށް ޖެއްސުންކުރުމާއި، ބަޖެޓް ހާވިޔާކޮށްލުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަސައްކަތްކުރުން ފަދަ ކަންކަން ފާއިތުވި މަޖިލީސްތަކުން ފެނިފައިވާ ކަމަށެވެ. އެހެންކަމުން، ދެ އިންތިޚާބު އެކުގައި ބޭއްވުމުން ސިޔާސީ ނިޒާމުގައި އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުޑަވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލީސް އިންތިޚާބު ބޭއްވުމުން ފައިދާބޮޑީ ހުރިހާގޮތަކުންވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަންއަށް ވުރެ ގިނަފައިސާ ސަލާމަތްކުރެވުމާއި، އެފައިސާ ރައްޔިތުންގެ އެހެންބޭނުންތަކަށް ބޭނުންކުރުމަށް ފުރުޞަތުލިބިގެންދާނެ،" ގާސިމް ވިދާޅުވިއެވެ.

މަޖިލީހުން މިހާރު ގެންނަވާފައިވާ އިސްލާޙާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، މިކަމުގައި ރައްޔިތުންގެ ބަހެއް ހޯދުމަށް އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު ނަގާ ފެންނަނުފެންނަ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

MP Gasim Says Same‑Day Elections Would Strengthen Stability and Reduce Political Disruption

ހިއްސާ ކުރައްވާ!