ރައީސް މުއިއްޒުގެ ވެރިކަމުގައި ފަތުރުވެރިކަމަށް 6،000 އެނދު އިތުރުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމްލަ 6،665 އެނދު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ މައިނާރު ކަމަށްވާ ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހޯދިފައިވާ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ހާމަ ކުރައްވަމުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ހިސާބުތަކަށް ބަލާއިރު، އަލަށް އިތުރުވި އެނދުތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކަށް އިތުރުވި 1،474 އެނދާއި، ގެސްޓްހައުސްތަކަށް އިތުރުވި 3,704 އެނދެވެ. މީގެ އިތުރުން ސަފާރީތަކަށް 463 އެނދު އަދި ހޯމްސްޓޭ ފަތުރުވެރިކަމަށް 316 އެނދު ވަނީ އިތުރުވެފައެވެ. މިހާރު ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތް ދިނުމަށް ޖުމްލަ 67،000 އެނދު ބޭނުންކުރަމުންދާއިރު، އޭގެ 65 އިންސައްތައަކީ ރިސޯޓު އެނދުތަކެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓޫރިޒަމް މާސްޓަ ޕްލޭންގެ މައިގަނޑު އަމާޒަކީ މި ސިނާއަތުން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް މަތިކުރުމެވެ. މި އަހަރުގެ އާމްދަނީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުގެ އާމްދަނީ 16 އިންސައްތައިގެ ކުރިއެރުމަކާއެކު 5.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ. މިއީ ކުރިން އަންދާޒާކުރި 5.4 ބިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. އަހަރު ނިމޭއިރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ވަނީ އަންދާޒާކޮށްފައެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ކުރިން އަންދާޒާކުރި 13.8 އިންސައްތައިގެ ބަދަލުގައި މިހާރު ވަނީ 16 އިންސައްތައަށް މަތިވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ މިންވަރު ހާމަކޮށްދޭ މުހިންމު ނިޝާނެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

Minister Thoriq Charts a Future Between Paradise and Pressure

ހިއްސާ ކުރައްވާ!