އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް "މުސްލިމުންނާ ދެކޮޅުވެރިކަން" މާނަކުރާނެ ގޮތް ކަނޑައަޅައިފި

އިނިގިރޭސިވިލާތުގައި މުސްލިމުންނަށް އަމާޒުކޮށް ހިންގާ ހާދިސާތައް އިތުރުވަމުންދާތީ، އެކަމާ ކުރިމަތިލުމަށްޓަކައި މުސްލިމުންނާ ދެކޮޅުވެރިކަން މާނަކުރާނެ ސާފު ގޮތެއް ކަނޑައެޅުން ކޮންމެހެން ބޭނުންތެރި ކަމަށް ޔޫކޭގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ހައުސިންގ، ކޮމިއުނިޓީސް އެންޑް ލޯކަލް ގަވަރމަންޓް ސްޓީވް ރީޑް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ސަރުކާރުން "މުސްލިމުންނާ ދެކޮޅުވެރިކަން" މާނަކުރާނެ އާ ގޮތެއް ތައާރަފުކޮށްފައިވަނީ، އިސްލާމޯފޯބިއާއާ ނަފުރަތުގެ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި މުޅި ގައުމުގައި އިޖުތިމާއީ ބަދަހިކަން ވަރުގަދަކުރުމަށް އެކުލަވާލާފައިވާ ފުޅާ ދާއިރާއެއްގެ ޕްލޭނެއްގެ ބައެއްގެ ގޮތުގައެވެ. މި ޕްލޭނުގެ ސަބަބުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރާ ހާލު، މުސްލިމުންނާ މެދު ގެންގުޅޭ ތައައްސުބުތައް ދެނެގަނެ، އެކަމަށް އިޖާބަދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.

މުސްލިމުންނާ ދެކޮޅުވެރިކަން މާނަކުރުމުގެ ދަށުން، މުސްލިމުންނާ ދެކޮޅުވެރިކަމުގެ ތެރޭގައި މުސްލިމުންނަށް ނުވަތަ މުސްލިމުން ކަމަށް ބެލެވޭ މީހުންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރިކަން، މުދަލަށް ގެއްލުންދިނުން، ފުރައްސާރަކުރުން ނުވަތަ ބިރުދެއްކުން ފަދަ ޖިނާއީ އަމަލުތައް ހިމެނޭނެއެވެ. މީގެ އިތުރުން، މުސްލިމުންނަކީ ނޭދެވޭ ސިފަތަކެއް ހުންނަ އެއްގުރޫޕެއްގެ ގޮތުގައި ސިފަކުރުން ނުވަތަ އާންމު ދިރިއުޅުމުގައި އެމީހުންނަށް ގެއްލުންވާ ފަދަ ތަފާތުކުރުންތައް ގެންގުޅުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ސްޓީވް ރީޑް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވީ، ބްރިޓަންގައި މުސްލިމުންނަށް އަމާޒުކޮށް ހިންގާ ހާދިސާތައް އިތުރުވަމުންދާތީ، އެކަމާ ކުރިމަތިލުމަށްޓަކައި މުސްލިމުންނާ ދެކޮޅުވެރިކަން މާނަކުރާނެ ސާފު ގޮތެއް ކަނޑައެޅުން ކޮންމެހެން ބޭނުންތެރި ކަމަށެވެ. މި މާނަކުރުމަކީ ގާނޫނީ ގޮތުން މަޖުބޫރު އެއްޗެއް ނޫން ނަމަވެސް، ދީނާ ގުޅުންހުރި ފުރައްސާރަ ކުރުމާއި، ތަފާތުކުރުން ނުވަތަ އަނިޔާވެރިކަމުގެ މައްސަލަތަކަށް އިޖާބަދިނުމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް މިއީ އިރުޝާދެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެކެވެ.

ސްޓީވް ރީޑް ވިދާޅުވީ މި ފިޔަވަޅުގެ މަގުސަދަކީ އާންމު ބަހުސްތަކަށް ހުރަސްނޭޅޭ ގޮތަށް ކަންކަން ސާފުކޮށްދިނުން ކަމަށެވެ.

"މި މާނަކުރުމުގެ ސަބަބުން އާންމުކޮށް ދީންތަކާ ބެހޭގޮތުން ނުވަތަ ވަކި ޚާއްޞަ ދީނަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ އަސާސީ ހައްގު ހިމާޔަތްކޮށްދޭ، އަދި އާންމު މަސްލަހަތުގައި އުފައްދާ ކަންބޮޑުވުންތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުން މި ފިޔަވަޅު އިއުލާނުކޮށްފައިވަނީ އިންގްލެންޑާއި ވޭލްސްގައި ދީނީ ނަފުރަތުގެ ކުށްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ. އޮކްޓޫބަރު މަހު އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، މާރިޗު 2025 އަށް ނިމުނު އަހަރު ފުލުހުން ރެކޯޑުކުރި ނަފުރަތުގެ ކުށްތައް ވަނީ ރެކޯޑު މިންވަރަކަށް މަތިވެފައެވެ. މުސްލިމުންނަށް އަމާޒުކޮށް ހިންގި ހާދިސާތައް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ކުރީ އަހަރު 2,690 ކުށް ރެކޯޑުކުރެވުނު އިރު، މި އަހަރު އެ އަދަދު ވަނީ 3,199 އަށް އަރާފައެވެ.

ޖުމްލަ ގޮތެއްގައި، މުސްލިމުންނަށް ނުވަތަ މުސްލިމުން ކަމަށް ބެލެވޭ މީހުންނަށް އަމާޒުކޮށް ހިންގި ގާތްގަނޑަކަށް 4,500 ކުށް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ އިސްލާމޯފޯބިއާއާއި ދީނީ ނަފުރަތުގެ ސަބަބުން ހިންގާ ކުށްތަކުގެ ބޮޑު ބައެކެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ކޮންމެ 10,000 މުސްލިމަކަށް އަމާޒުކޮށް 12 ކުށް ހިންގާފައިވާ ކަން ރިޕޯޓުކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!