ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް "العصف المأكول" ގެ ނަމުގައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފިކަން އިއުލާނުކޮށްފިއެވެ. އިސްރާއީލުގެ މަސްދަރުތަކުން ބުނާ ގޮތުގައި މިހާރު ކުރިއަށްދާ ހަމަލާތަކުގައި ލުބުނާނުން އިސްރާއީލަށް 100 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ބައެއް ރޮކެޓްތައް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވާފައެވެ.
މި ހަމަލާތަކަކީ އީރާނާއި ދެކުނު ލުބުނާނުން ގުޅިގެން އިސްރާއީލަށް ދެމުންދާ ވަރުގަދަ ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމާ ގުޅިގެން އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ވަނީ އުތުރުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ބަންކަރުތަކާ ކައިރީގައި ތިބުމަށް އަންގާފައެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރުގެ ސަރަހައްދުތަކަށް ދިން މި ހަމަލާތަކުގައި ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ރޮކެޓްތައް ވެއްޓުނު ސަރަހައްދުތަކުގައި ރެސްކިއު ޓީމުތަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔިސްރާއީލް ހަޔޯމް" އިން ބުނެފައިވަނީ ހިޒްބުﷲ އިން ދިން ހަމަލާތަކުގައި ބައެއް ތަންތަނަށް ސީދާ ރޮކެޓް އަރާފައިވާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އަދި އުތުރުގެ ބައެއް ސަރަހައްދުތަކުގެ އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، ކިރްޔަތު ޝްމޯނާ، ހައިފާ އަދި ހިފާފައިވާ ގުދުސްއިން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް މީޑިއާ ބުނެއެވެ.
އިސްރާއީލުގެ "ކާން" ޗެނަލުން ބުނި ގޮތުގައި ގަލީލީ ސަރަހައްދަށް އަމާޒުކޮށް ހިޒްބުﷲ އިން އެތައް ދޮޅަސް ރޮކެޓެއް ފޮނުވާލާފައިވެއެވެ. މީގެ އިތުރުން، އީރާނުގެ ދައުލަތުގެ ޓީވީން ވަނީ އިސްރާއީލަށް އަމާޒުކޮށް އާ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާކަން ކަށަވަރުކޮށްދީފައެވެ.
މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ނުރައްކަލުގެ ސައިރަންގެ އަޑު މެދުނުކެނޑި ދަނީ އިވެމުންނެވެ. މިއީ ފަހަކަށް އައިސް އެކި ފަރާތްތަކުން ގުޅިގެން އިސްރާއީލަށް ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކުގެ ގޮތުގައި ބެލެވެއެވެ.






