އެންމެންގެ ހިތްތަކުގެ ލޯބި ހޯދި ޤައްސާމް ބްރިގޭޑްގެ ތަރުޖުމާން ޝަހީދު އަބޫ ޢުބައިދާ ގެ މޫނު ފޮރުވުމެއް ނެތް ފޮޓޯތަކެއް ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑުން ހާމަކޮށްފިއެވެ. ޝަހީދު އަބޫ ޢުބައިދާގެ އަސްލަު ނަމަކީ ހުޒައިފާ އަލްކަހްލޫތު އެވެ. މި ފޮޓޯތަކަކީ، އަސްކަރީ އަދި މީޑިއާގެ މަސައްކަތުގައި އޭނާ އުޅުއްވި ގިނަ އަހަރުތަކުގައި އަބަދުވެސް މޫނު ނިވާކޮށްގެން ހުންނަ ހުރުމަށްފަހު، މޫނު ހާމަކޮށް އޭނާ ފެނުނު ފުރަތަމަ ފަހަރެވެ.
ސޯޝަލް މީޑިއާގައި އަބޫ އުބައިދާ މަޝްހޫރުވެފައިވަނީ ރަތް ކުލައިގެ ކޫފިޔާއަކުން މޫނު ނިވާކޮށްގެން ހުންނަ "މޫނު ނިވާކޮށްގެން ހުރި މީހާ" ނުވަތަ އަރަބި ބަހުން "އަލްމުލައްޘަމް" ގެ ގޮތުގައެވެ. އޭނާގެ މި ސޫރައަކީ ފަލސްޠީނުގެ ޖިހާދުގެ ރަމްޒެއްގެ ގޮތުގައި ބެލެވުނެވެ. މީގެ ކުރިން އޭނާ ފާހަގަކުރެވިފައިވަނީ ހަމައެކަނި އޭނާގެ އަޑާއި، ވާހަކަދެއްކުމުގެ ހަރުދަނާ ބަލާޣީ އުސްލޫބުންނެވެ. ނަމަވެސް ޤައްސާމުން މިފަހަރު އާންމުކުރި ވީޑިއޯއިން އޭނާގެ އަސްލު ސޫރަ ސާފުކޮށް ފެނިގެންދެއެވެ.
މި ވީޑިއޯއަކީ ޤައްސާ ބްރިގޭޑްސް އިން ޣައްޒާގެ ނުސީރާތު ރެފިއުޖީ ކޭމްޕުގައި އޮތް "ގުދުސް ބްރިގޭޑް" ގެ މުޖާހިދުންނަށް އިހުތިރާމް އަދާކުރުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިން ނަގާފައިވާ މަންޒަރުތަކެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަބޫ އުބައިދާ ހުރީ އެ ހަފުލާގައި ބައިވެރިވެ މުޖާހިދުންނާ މުހާތަބު ކުރުމުގައެވެ.
މި ވީޑިއޯ އާންމުކޮށްފައިވަނީ ގައްސާމް ބްރިގޭޑްސްގެ މީޑިއާ ކެމްޕޭނެއްގެ ދަށުންނެވެ. މި ކެމްޕޭނުގައި "އަގްމާރުއް ޠޫފާން" ނުވަތަ ޠޫފާންގެ ހަނދުތައް މި ނަމުގައި ޝަހީދުންގެ ސިލްސިލާ ވީޑިއޯތަކެއް ދަނީ އާންމުކުރަމުންނެވެ. މީގެ ތެރޭގައި ބްރިގޭޑްގެ ކޮމާންޑަރު، ޝަހީދު އިސްމާއީލް ފާއިޒް އަލްސައްރާޖް، އަބޫ މުއާޛު ގެ މަންޒަރުތައްވެސް ހިމެނެއެވެ.
މިފަދަ ވީޑިއޯތައް އާންމުކުރުމުގެ ބޭނުމަކީ، އެބޭފުޅުންގެ ޖިހާދީ ހަޔާތާއި "ޠޫފާނުލް އަގްޞާ" އޮޕަރޭޝަނާ ހުރި ގުޅުން ހާމަކުރުމެވެ.
اللهم اجعل مثواهم الجنة، واجعل نورك طريقهم، وارزقهم رحمةً لا تزول، وجناتٍ تجري من تحتها الأنهار.




