އަޚުލާގީ މިންގަނޑެއް ހިފަހައްޓާ ސްޕެއިން އިން ޒަޔަނިސްޓު ދައުލަތުގައި ހުންނަވާ ސަފީރު އަނބުރާ ގެނަސްފި

ސްޕެއިން ސަރުކާރުން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެނައުމަށް ނިންމައިފިއެވެ. މިކަން ކަށަވަރުކޮށްދެމުން ސްޕެއިން ވަނީ އެކަން ސަރުކާރުގެ ގެޒެޓުގައި އިއުލާން ކޮށްފައެވެ.

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފޮރިން މިނިސްޓްރީގެ މަސްދަރުތަކުން ބުނެފައިވަނީ ޒަޔަނިސްޓު ޖެނޮސައިޑް ނިޒާމަށް އައްޔަން ކޮށްފައި ހުންނަ ސްޕެއިންގެ އެމްބަސީގެ ކަންކަން ދެން ކުރިއަށްދާނީ ޝާޒޭއެއްގެ ބެލުމުގެ ދަށުންނެވެ.

ސްޕެއިން އާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1986 ވަނަ އަހަރުގައެވެ. ނަމަވެސް ފަހަކަށް އައިސް ދެ ގައުމުގެ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. ޚާއްސަކޮށް ފަލަސްޠީނުގެ ޖެނޮސައިޑާއި ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއި، އީރާނަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް ސްޕެއިން އިން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ސޮލީބީ ހަނގުރާމައާ ދެކޮޅު ހެދުމުގެ ސަބަބުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވި ނަމަވެސް، ސްޕެއިން އާއި އެމެރިކާގެ ގުޅުން އާންމު ހާލަތެއްގައި ކުރިއަށްދާ ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ ސަރުކާރުން މިދިޔަ ހަފުތާގައި ވަނީ އީރާނާ ދެކޮޅަށް ކުރާ ސޮލީބީ ހަނގުރާމައަކީ ޣައިރު ގާނޫނީ ހަނގުރާމައެއް ކަމަށް ކަނޑައަޅައި، އެކަމާ ދެކޮޅު ހަދާފައެވެ. އަދި ސްޕެއިންގެ ދެކުނުގައި ހުންނަ ގުޅިފައިވާ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އީރާނާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގުމަށް އެމެރިކާގެ މަތިންދާބޯޓުތަކަށް ދީފައިވާ ހުއްދަވެސް ސްޕެއިން ސަރުކާރުން ވަނީ ހިފަހައްޓާފައެވެ.

ހިއްސާ ކުރައްވާ!