ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާ ދިމާކޮށް، ހުޅުމާލޭ ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި ޖަގަހަ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ އިސްވެރިންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓު މޫސާ އަލީ ޖަލީލާއި ޑަބްލިއުޑީސީގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޒާ އާޝިޔަތު އަލައިކާ އަދުނާނާއި ހުޅުމާލެ ދެކުނު ދާއިރާގެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ލާމަރުކަޒީ ނިޒާމު ތަންފީޒު ކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ޝުޖާއު ވިދާޅުވީ 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ލާމަރުކަޒީ ގާނޫނެއް އޮތް ނަމަވެސް، އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ފެންނަން ފެށީ 2021 ވަނަ އަހަރު ރައީސް މުއިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގަތުމުން ކަމަށެވެ.
MP Shujau Praises President Muizzu’s Record as Mayor at Council Election Launch
2021 ވަނަ އަހަރު މޭޔަރު އިންތިޚާބުގައި އެއިރުގެ މޭޔަރ އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހޮވިވަޑައިގަތީ ބޮޑުއަޣުލަބިއްޔަތަކުން ކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ރައްޔިތުންނާ ހަމައަށް ވަޑައިގެންނެވީ ސާފު މެނިފެސްޓޯއަކާ އެކުގައި ކަމަށް ޝުޖާ ވިދާޅުވެ ދެއްވިއެވެ. އަދި އެމަނިކުފާނުގެ ޒައާމަތުގައި ސިޓީ ކައުންސިލްގެ ޒިންމާތަކާއި ދައުރު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިގެންދިޔައެވެ. ކައުންސިލްގެ މަސައްކަތްތަކާއި ބައްދަލުވުންތައް ވަގުތުން ފެންނާނެ ވީޑިއޯ އިންތިޒާމު ހަމަޖައްސަވައި، ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ލާމަރުކަޒީ އުސޫލު ހިންގޭނެކަން އެމަނިކުފާނު ސާބިތުކޮށްދެއްވިއެވެ.
އަދި އެމަނިކުފާނުގެ މަސައްކަތުގެ ވައްޓަފާޅިއަށް ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ ޚިޔާލަށް ބިނާކޮށް، ވަކި ސިޔާސީ ފިކުރަކަށް ބެއްލެވުމެއްނެތް ހުރިހާ ދާއިރާއަކަށް އަމާޒުކޮށްގެން ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް މޭޔަރ ޑރ. މުއިއްޒު އެކުލަވާ ލެއްވިއެވެ. އަދި ގާނޫނުން ލާޒިމުކުރާ މިންވަރަށްވުރެ ފުޅާކޮށް، މާލޭގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމުގައި ކުލަބު ޖަމިއްޔާތަކާއި އިސްރަށްވެހިންގެ މަޝްވަރާވެސް ހޯއްދެވި ކަމަށް ވިދާޅުވެ އެ މަސައްކަތަކީ، ރައްޔިތުން ބޭނުންވާ ގޮތަށް ބިންތައް ތަރުތީބުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަން ޝުޖާ ހާޒިރީންނަށް ވިދާޅުވެ ދެއްވިއެވެ.
ނަމަވެސް، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން މި ޕްލޭން ފާސްނުކޮށް ހިފެހެއްޓިކަމަށާއި ހައުސިންގ މިނިސްޓްރީގައި ބާއްވައި އޮތް ކަމަށް ޝުޖާ ވިދާޅުވިއެވެ. އަދި ގާނޫނުގައި ތިން މަސް ތެރޭގައި ފާސްކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކި ބަހަނާތައް ދައްކައިގެން އެކަން ލަސްކުރަމުން ދިޔައީ ޒިންމާދާރުކަން ކުޑަ ގޮތަކަން އޭނާ ވިދާޅުވެ ދެއްވިއެވެ. މިކަމުގެ ސަބަބުން މާލޭގެ ބިންތައް ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބިން ބޭނުންކުރުމަށް ހުރަސް އެޅި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒަކީ މާލޭގެ ތާރީޚުގައިވެސް މެނިފެސްޓޯއެއް ހިއްޕަވައިގެން ނުކުންނެވި ފުރަތަމަ މޭޔަރު ކެންޑިޑޭޓެވެ. އަދި އެމަނިކުފާނު މޭޔަރުކަމަށް އިންތިޚާބުވުމާއެކު، މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ، ޒިންމާދާރު މުއައްސަސާއެއްކަން ސާބިތުކޮށްދެއްވިއެވެ.
"އެމަނިކުފާނު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި، ކައުންސިލަރުން ދާއިރާތަކުގެ ހައްގުގައި ކުރާ މަސައްކަތްތައް ރައްޔިތުންނަށް ލައިވްކޮށް ފެންނާނެ އިންތިޒާމު ހަމަޖެއްސެވުން. މިއީ ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކައުންސިލް ހިންގޭނެކަން ރައްޔިތުންނަށް ދައްކުވައިދިން ކަމެއް،" ޝުޖާއު ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި ވޯޓުލާން ދިއުމުގެ ކުރިން، ބައެއް މުހިންމު ކަންކަމާ މެދު ފުންކޮށް ވިސްނާލުމަށް ޝުޖާ ގޮވާލެއްވިއެވެ.
އެގޮތުން ހުޅުމާލެއަށް މޭޔަރ މުއިއްޒު ކޮށްދެއްވި ޚިދުމަތްތަކަށް ޝުޖާ އަލިއަޅުވާލެއްވިއެވެ.
ޚާއްޞަގޮތެއްގައި ހުޅުމާލޭގެ ޕާކިންގް މައްސަލަ ހައްލުކުރުމަށްޓަކައި އިސްލާމިކް ބޭންކުން 85 މިލިއަން ރުފިޔާގެ ލޯނެއް ހޯއްދަވައިގެން މަސައްކަތް ފެއްޓެވި ކަމަށާއި އޭރުގެ އެމްޑީޕީ ސަރުކާރުން އެކަމަށް ހުރަސްއެޅި ކަން ފާހަގަ ކޯށްދެއްވިއެވެ.
ޝުޖާ ވިދާޅުވީ "އަޅުގަނޑު އޭރުގެ ރައީސް ޞާލިޙަށް ގުޅުމުން އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ޖެހިގެން އައި ދުވަހު ލިބުނު ސިޓީގައި އޮތީ އެ ބިން މާލޭ ސިޓީ ކައުންސިލަށް ދޫކުރަން ބޭނުންނުވާ ވާހަކަ" ކަމުގައެވެ.
މީގެ އިތުރުން ހުޅުމާލޭގެ ގުއްބު މިސްކިތުގެ މަސައްކަތް ނުނިމި ހުރި މައްސަލއަށް އަލިއަޅުވާލައްވައި، ރައީސް މުޢިއްޒު މޭޔަރުކަމުގައި މަސައްކަތް ކުރައްވާ ގޮތާއި މިހާރުގެ މޭޔަރުގެ މަސައްކަތާ އަޅާކިޔައި ދެއްވިއެވެ. އޭނާ ވިދާޅުވީ ރަމަޟާން މަހުގެ މާ ކުރިން 6 ދުވަސް ވާއިރަށް ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މޭޔަރު މުއިއްޒު ފުރިހަމަކޮށްދެއްވާ ކަމަށެވެ.
ރައީސް މުޢިއްޒު މޭޔަރުކަމާ ހަވާލުވެވަޑައިގަތްއިރު، ހުޅުމާލޭގައި ކައުންސިލްގެ ޚިދުމަތް ދޭން ހުރީ އެޗްޑީސީ އިމާރާތުގެ ކުޑަ 12 ފޫޓު 12 ފޫޓުގެ ގޮޅިއެއް ކަމަށާއި އެމަނިކުފާނު ވަނީ އެންމެ ދެ އަހަރުގެ ތެރޭގައި އެތަނުގައި ބޮޑު އޮފީހެއް ބިނާކޮށް، ޒަމާނީ ޚިދުމަތްތައް ދޭން ފައްޓަވާފައި ކަން ޝުޖާ ފާހަގަ ކޮށްދެއްވިއެވެ.
މިއަދު މާލޭ ސިޓީ ކައުންސިލްގެ ގިނަ ޚިދުމަތްތަކެއް ހިނގަމުންދަނީ އެމަނިކުފާނު ބިނާކުރެއްވި އެ އޮފީހުގައި ކަމަށާއި އެމަނިކުފާނު ފެއްޓެވި މި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ މޫސާ އަލީ ޖަލީލަށް ހުރިހާ ބޭފުޅުން ވޯޓު ދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޝުޖާއު ވިދާޅުވެ އެކަމަށް އިލްތިމާސް ކުރެއްވިއެވެ.
ކޮންގްރެސް ޕާޓީން ގެންދަނީ 4 އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ސިޓީތަކާއި އަތޮޅުތެރޭގެ ހުރިހާ ރަށްރަށެއްގައި ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މާލޭގައި ބާއްވާ ދޮރުން ދޮރަށް ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަޑައިގަންނަވައެވެ.




