ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުންތަކަށް، ވިޔަފާރިވެރިން ތަމްސީލުކުރާ މޯލްޑިވްސް އިންޑަސްޓްރީ ޗެމްބަރއިން މަރުހަބާ ކިޔައިފިއެވެ. މި މަހުގެ ކުރީކޮޅު ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު، ކެބިނެޓުން މިހާރު ވަނީ މި ނިންމުންތައް ރަސްމީކޮށް ފާސްކޮށްފައެވެ.
މޯލްޑިވްސް އިންޑަސްޓްރީ ޗެމްބަރން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ލޯކަލް ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އާންމުކޮށް އިދާރީ ގޮންޖެހުންތަކާ ހެދި ހޭދަވާ ވަގުތަށް ބަލާއިރު، މި އިސްލާހުތައް ވަރަށް އަވަސް މިނެއްގައި ގެނެސްފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. މި ނިންމުންތަކަކީ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަސްޓަމްސްގެ ދަތިތަކާއި، ގުދަން ކުރުމުގެ ދަތިކަމާއި، މާލީ ބުރަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ނިންމި ނިންމުންތަކެކެވެ.
ސަރުކާރުން ގެނަސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ކަސްޓަމްސް ކްލިއަރެންސްގެ ޚިދުމަތް 18 ގަޑިއިރުން 24 ގަޑިއިރަށް އިތުރުކުރުމެވެ. މީގެ އިތުރުން، އެމްއޭސީއެލް މެދުވެރިކޮށް އެއާ ކާގޯ ޑެމަރޭޖް ފްރީ މުއްދަތު 80 ގަޑިއިރުން 124 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ. މިއީ މުދާ ގެންނަ ވިޔަފާރިވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ރާއްޖޭގެ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށްޓަކައި، 'އޮތެންޓިކް މޯލްޑިވްސް' ގައި ރަޖިސްޓްރީވެފައިވާ 400 އެއްހާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު، ބޭންކް އޮފް މޯލްޑިވްސް އިން ދަނީ 'ސްވައިޕް، ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމެއް ތަރައްގީކުރަމުންނެވެ. މީގެ ސަބަބުން ބޭރުގެ ފައިސާއިން ފައިސާ ބަލައިގަތުމަށް ވިޔަފާރިވެރިންނަށް ފަސޭހަވެގެންދާނެއެވެ.
ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގުދަން ކުރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެޗްޑީސީ އަދި އެމްޕީއެލް މެދުވެރިކޮށް އަގުހެޔޮކޮށް ބިން ދޫކުރުމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީތައް މުރާޖައާކުރެވި ކުޑަކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ކުރިން ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލްތައް ދައްކާ ޚަލާސްކުރުމަށްވެސް ވަނީ އަމާޒު ހިފާފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށެވެ. "ތިޔަބޭފުޅުންގެ އުންމީދުތައް ބޭކާރުވިޔަ ނުދޭނަން، އަޅުގަނޑު މަސައްކަތް ކުރާނީ ހައްލު ހޯދައިދިނުމަށް،" ރައީސް ވިޔަފާރިވެރިންނަށް ޔަގީންކަން ދެއްވިއެވެ.
Maldives Industry Chamber Backs Government’s New Measures to Ease Pressure on Small Businesses
މިއަދު އިންޑަސްޓްރީ ޗެމްބަރ އިން، ރައީސް ނިންމެވި ނިންމެވުންތަކަށް މަރުޙަބާ ކިޔަމުން ނެރުނު ބަޔާނެއްގައި އެމްއައިސީގެ ވަގުތީ ރައީސް ޢަލީ ފައުޒީ ވަނީ ސަރުކާރުގެ ނިންމުންތަކަށް ތަޢުރީފު ކުރައްވާފައެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކަންބޮޑުވުންތަކަށް ރައީސް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކީ އިގްތިސާދުގެ ބުރަދަން ހިއްސާކުރާ މި ދާއިރާ ވަރުގަދަކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް" ޢަލީ ފައުޒީ ވިދާޅުވިއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން އެތައް ސަތޭކަ ވިޔަފާރިއަކަށް ވަގުތުން ލުއި ލިބިގެންދާނެ ކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަޅުއްވާ ފިޔަވަޅުތައް އީޖާބީ ގޮތަކަށް ފާހަގަ ކުރެއްވިއެވެ.
"ޑެމަރޭޖް ފްރީ ޕީރިއަޑް އިތުރުކޮށް، ރެގިއުލޭޓަރީ އުސޫލުތައް ރަނގަޅުކޮށް، އޮޕަރޭޝަނަލް ހުރަސްތަކަށް ލުއި ދިނުމަކީ ރާއްޖޭގެ އެތައް ސަތޭކަ ވިޔަފާރިއަކަށް އަވަސް ލުއިތަކެއް ލިބިގެންދާނެ ކަމެއް." ފައުޒީ ފާހަގަ ކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރަކީ ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް ދިނުމުގެ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އަހަރެއް ކަމުން، ޗެމްބަރުން ދެކެނީ "އިތުބާރު އަލުން ބިނާކުރުމާއި، އިނޮވޭޝަން ހަލުއިކުރުމާއި، މާކެޓަށް އަލަށް ވަންނަ ފަރާތްތައް ބާރުވެރިކުރުވުމަށް މިއީ މުހިންމު ދޮރެއް" ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވަނީ ކުރިއަށް އޮތް މުއްދަތަކީ "ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދޭނެ ދެ އަހަރު" ކަމަށް ސިފަކުރައްވައި، މިހާރުވެސް ގާއިމްވެފައިވާ އެސްއެމްއީތަކަށާއި އަލަށް ވިޔަފާރިވެރި ފަށާ ފަރާތްތަކަށްވެސް "ބޮޑު ފަސޭހައަކާއި ހިތްހަމަޖެހުމެއް ލިބޭނެކަމަށް " ލަފާކުރައްވާފަ އެވެ.
މޯލްޑިވްސް އިންޑަސްޓްރީ ޗެމްބަރއިން ބުނެފައި ވަނީ، މި އިސްލާހުތައް ފައިދާހުރި ގޮތެއްގައި ތަންފީޒުކޮށް މުޅި ވިޔަފާރި މުޖުތަމައަށް ދެމިއޮންނަ ފައިދާތަކެއް ފޯރުކޮށްދިނުމަށް ސަރުކާރާ ގާތުން މަސައްކަތް ކުރަން ގަސްތުކުރާ ކަމަށެވެ.







