އިޒްރޭލުގެ ބޮޑުވަޒީރު ފަލަސްޠީނުގެ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫއާއި އޭނާގެ ކެބިނެޓް ވަޒީރުން ސަލާމަތީ ރައްކާތެރިކަމަށްޓަކައި ބިންގަރާސްތަކަށް ވަދެ ފިލައިފިއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ނަތަންޔާހޫ މިހާރު މަސްއޫލުވެރިންނާ ސީދާ ބައްދަލުކުރުން ހުއްޓާލާފައިވާއިރު، އިސްވެރިންނާ މުއާމަލާތް ކުރަމުންދަނީ ހަމައެކަނި އޯޑިއޯ އަދި ވީޑިއޯ ކޯލްތައް މެދުވެރިކޮށެވެ. މިއީ ސަލާމަތީ ނުރައްކާ ބޮޑުވުމުގެ ސަބަބުން ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ.
އިޒްރޭލުގެ ތައުލީމީ ވަޒީރު ޔޯވް ކިޝް މިއަދު އިއުލާން ކުރި ގޮތުގައި، ސަލާމަތީ ހާލަތު ހުރި ގޮތުން ކުރިއަށް އޮތް ތަނުގައި ވެސް ސްކޫލްތައް ހުޅުވޭކަށް ނެތެވެ. ލުބުނާނުގެ ބޯޑަރު ސަރަހައްދާއި، ޓެލް އަވީވް ހިމެނޭހެން މެދުތެރޭގެ ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. ވަޒީރު ވިދާޅުވީ ސްކޫލްތައް ހުޅުވުމުގެ ބަދަލުގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް، އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވެސް ވަޒީރަށް ޓެކްނިކަލް މައްސަލަތަކާ ކުރިމަތިވެ، މުއާމަލާތް ކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޒަޔަނިސްޓުން ފެށި ޓެރަރިސްޓް ހަމަލަތަކަށް ބަދަލު ހިފުމަށް އީރާނުން ދޭ ދިފާއީ ހަމަލާތަކާ ހެދި އިޒްރޭލުގެ އިގްތިސާދީ މަސައްކަތްތަކާއި ވިޔަފާރިތައް ވަނީ މުޅިން ހުއްޓިފައެވެ. ޓެލް އަވީވްގައި ހުރި ޖާސޫސީ، ސައިންސް އަދި އަސްކަރީ މުހިންމު މަރުކަޒުތަކަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން އެ ތަންތަނުން މިހާރު ފެންނަނީ ޣައްޒާގެ ސުންނާފަތިވެފައިވާ މަންޒަރުތަކާ އެއްފަދައިންނެވެ.
ރައްޔިތން އިރުއިރުކޮޅާ ބިންގަރާސްތަކަށް ވަންނަން ޖެހުމުގެ ސަބަބުން އާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ، ނަސްލީ ތަފާތުކުރުންތަކުގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ބައެއް މީހުން ބިންގަރާސްތަކަށް ވައްދާއިރު އަނެއް ބަޔަކަށް އެ ފުރުސަތު ނުދޭ މައްސަލައިގައި އާންމުން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.
އަނެއްކޮޅުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއިން އިޒްރޭލަށް އަންގާފައިވަނީ އީރާނާ މެދު އަމަލުކުރާނެ ގޮތެއް ނިންމުމަށް އެއް ހަފްތާގެ މުއްދަތެއް ދޭ ކަމަށެވެ. އެމެރިކާ ބޭނުންވަނީ މި އުދުވާނީ ހަމަލާތައް ހުއްޓާލައި މި ހަނގުރާމައިން އަވަހަށް ނިކުތުމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ ހަނގުރާމައެއް ފެށުމަކީ ފަސޭހަ ކަމެއް ނަމަވެސް، އެ ހަނގުރާމައިން ސަލާމަތްވެގެން ނިކުތުމަކީ އިޒްރޭލަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
އީރާނުން އިތުރަށް ބުނެފައިވަނީ އިޒްރޭލުން ކިތަންމެ ވަރަކަށް ހަމަލާދިން ނަމަވެސް، އެ ގައުމަށް އެ ހަމަލާތަކަށް ކެތްކޮށްގެން ދެމިއޮވެވޭނެ ކަމަށެވެ. އިޒްރޭލުގެ ދާޚިލީ ހާލަތު ގޯސްވަމުންދާއިރު، ސްކޫލްތައް އަލުން ހުޅުވުމުގެ ފުރުސަތު އޮތީ ހަމައެކަނި ޣައްޒާ ކައިރީގައިވާ ސަރަހައްދުތަކުގައި ކަމަށާއި، އެކަން ވެސް ކުރެވޭނީ ސަލާމަތީ ބާރުތަކުން ހުއްދަ ދިނުމުން ކަމަށް ތައުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.




