ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެއް ދުވަހެއްގައި ބާއްވައިގެން ލިބޭނެ ޒައްރެއްގެ މިންވަރެއްގެ ގެއްލުމެއްގެ ވާހަކަވެސް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިވެހި ރައްޔިތުންނަށް ކިޔައިނުދެވޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ހުޅުމާލެ ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ގައުމަށް ހަމަޖެހުމާއި އަމާންކަން ލިބި، އިގްތިސާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް އެތައް ފައިދާއެއް ކުރާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަކީ ކޮންމެ އިންތިޚާބެއްގައި ވެސް ވަރަށް ވިސްނުންތެރިކަމާއެކު ވޯޓުލާ ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ ގާނޫނުއަސާސީއަށް 8ވަނަ އިސްލާހު ގެނައި އިރު ރާއްޖޭގެ ހާލަތު އޮތީ ރިފަރެންޑަމުން ފެންނަ ނުފެންނަ ވޯޓުގައި އެއްވެސް ބަޔަކު ކެމްޕެއިން ކުރަންޖެހޭ ހާލަތެއްގައި ނޫން ކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ވަރަށް ގިނަ ދޮގު ވާހަތައް ފަތުރަމުން އަންނަ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅު ހަދާ ފަރާތްތަކާއެކު ޓީވީ ލައިވެއްގައި ބަހުސަކަށް ދިއުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް ފަލާހު ވިދާޅުވިއެވެ.
"އެކަމުން ދިވެހިރާއްޖޭގެ މުސްތަގުބަލަށް ލިބެން އޮތް ފައިދާ އަޅުގަނޑު ސާބިތުކޮށްދޭނަން،" ފަލާހު ވިދާޅުވިއެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން މިކަމަށް ބިރުގަންނަނީ ކޮން ސަބަބަކާހުރެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވިދާޅުވެދެއްވާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީއަށް ސަލާމަތުގެ އައްސޭރިއަށް ދެންވެސް ދެވޭނީ ގައުމަށް ވަފާތެރިވެ، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީގެން ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލަން އެމްޑީޕީން ކުރާ އެއްވެސް މަސައްކަތެއްގައި ދިވެހި ރައްޔިތުން ނުޖެހުމަށް ފަލާހު ވަނީ އިލްތިމާސް ކުރައްވާފައެވެ.




