އީރާނާއި ގަލްފުގެ މަސްލަހަތު ގޯސްވަމުންދާއިރު ޕާކިސްތާނުން ހިފަހައްޓަނީ ވަރަށް ނާޒުކު ސިޔާސަތެއް

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްލަހަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޕާކިސްތާނުން ދަނީ ބައިނަލްއަގުވާމީ ބާރުތަކުގެ މެދުގައި ނާޒުކު ސިޔާސަތެއް ނަގަހައްޓަމުންނެވެ. އިގްތިސާދީ ދަތިތަކާއި އެތެރޭގެ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ އިސްލާމްއާބާދަށް މި ހާލަތުގެ ސަބަބުން ވަނީ ވަކި ފަރާތަކަށް ނުޖެހި ތިބުމަށް މަޖުބޫރުވެފައެވެ.

ޕާކިސްތާނުން ރަސްމީކޮށް ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށް ބުނި ނަމަވެސް، އެމެރިކާއަށް ލޮޖިސްޓިކް އެހީތެރިކަމާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ކަމަށް ވާހަކަތައް ދެކެވެއެވެ. އަދި ޕާކިސްތާންގެ ސަރަހައްދީ ސިޔާސަތަށް ބަދަލުތަކެއް އަންނަމުންދާ ކަމަށް ވެސް މުހައްލިލުން ގަބޫލުކުރެއެވެ. ޚާއްސަކޮށް އަފްޣާނިސްތާނުގެ މައްސަލައިގައާއި ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ ބާރު ދެއްކުމަށް ކުރާ މަސައްކަތުގައި ވޮޝިންޓަނާއެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ ޕާކިސްތާނުގެ އިގްތިސާދީ ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށް އެފަރާތްތަކުން ފާހަގަ ކުރެއެވެ.

ޖިއޮގްރަފީ ގޮތުން ބަލާއިރު، އީރާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދަކީ އަބަދުވެސް ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. ބަލޫޗިސްތާން ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން، އީރާނާއެކު އޮންނަ ގުޅުން ގޯސްވުމަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ސީޕެކްއަށް ވެސް އޮތް ނުރައްކަލެކެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާއާއެކު އޮންނަ ދިފާއީ އަދި މާލީ ގުޅުމަކީ ޕާކިސްތާނަށް ދޫކޮށްލެވެން ނެތް މުހިންމު ގުޅުމެކެވެ.

މެދުއިރުމަތީގެ މަސްލަހަތު ބަދަލުވަމުންދާ ގޮތަށް ބަލާއިރު، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ފަދަ ގައުމުތަކުން މިހާރު ދަނީ އީރާނާއެކު އޮންނަ ކުރިމަތިލުންތައް ކުޑަކޮށް، ޑިޕްލޮމެޓިކް މަގު އިޚްތިޔާރު ކުރަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި ޗައިނާގެ މެދުވެރިއެއްގެ ދައުރު ދަނޫީ ބޮޑު ވަމުންނެވެ. ޕާކިސްތާނުން އެމެރިކާގެ ޓްރަމްޕް ރައީސް އުފެއްދެވި ސޮލީބީ "ބޯޑް އޮފް ޕީސް" ގައި ޕާކިސްތާންގެ އާންމުންގެ ރުހުމާ ދެކޮޅަށް ސިފައިންނާއި ޝަހްބާޒް ޝަރީްފގެ ސަރުކާރުން ބައިވެރިވުމުން އެ ގައުމުގެ އެތެރޭގައި ވަނީ ބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ.

މީޑިއާއާއި މުހައްލިލުން ބުނާ ގޮތުގައި، ޕާކިސްތާނުގެ މިހާރުގެ ސްޓްރެޓެޖީއަކީ "ބޯ ދަމައިގަތުމުގެ ސިޔާސަތެކެވެ." އިގްތިސާދީ ނާޒުކުކަމާއި، އެތެރޭގެ ސަލާމަތީ ނުތަނަވަސްކަމުގެ ތެރެއިން، ބޮޑު ހަނގުރާމައެއްގެ ތެރެއަށް ނުވެއްޓި ހުރިހާ ފަރާތްތަކާއެކުވެސް ގުޅުން ދެމެހެއްޓުމަކީ އިސްލާމްއާބާދަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ހިއްސާ ކުރައްވާ!