ދެ ގައުމުގެ ބޯޑަރުގައި 2020 ވަނަ އަހަރު ހިނގި ކުރިމަތިލުންތަކަށްފަހު ގޯސްވެފައިވާ އިންޑިއާ އާއި ޗައިނާގެ އިގްތިސާދީ ގުޅުން އަލުން އިއާދަކުރުމަށް އިންޑިއާ ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. މީގެ ތެރޭގައި ވަކި ދާއިރާތަކަކުން ޗައިނާގެ އިންވެސްޓްމަންޓްތަކަށް ހުރި ހުރަސްތައް ލުއިކޮށްދިނުން ހިމެނެއެވެ.
ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ވަނީ ޗައިނާގެ ވިޔަފާރިތަކަށް ގިނަ ހުރަސްތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އަވަށްޓެރި ގައުމުތަކުން ކުރާ އިންވެސްޓްމަންޓްތައް ހަރުކަށިކޮށް ބަލަން ފެށުމާއި، ޖޫން މަހު ޗައިނާގެ 59 އެޕްލިކޭޝަނެއް އިންޑިއާގައި ބޭނުން ކުރުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ޗައިނާގެ ކާރު އުފައްދާ ގްރޭޓް ވޯލް މޮޓޯސް އާއި ބީވައިޑީ ފަދަ ބޮޑެތި ކުންފުނިތަކުން ހުށަހެޅި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ވެސް އިންޑިއާއިން ވަނީ ބޭރުކޮށްލާފައެވެ.
އިންޑިއާއާއި ޗައިނާގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަވާން ފެށީ 2024 ވަނަ އަހަރު، ބޯޑަރު ބެލެހެއްޓުމާ ގުޅޭގޮތުން އާ އެއްބަސްވުންތަކަކަށް އާދެވުމާ ގުޅިގެންނެވެ. މި މަސައްކަތް 2025 ވަނަ އަހަރު އިތުރަށް ހަލުވިވެގެން ދިޔައީ، ޗައިނާގެ ކުންފުނިތަކަށް ސެކިއުރިޓީ ކްލިއަރެންސާ ނުލައި ކުދި ހިއްސާތައް ގަނެވޭނެ ގޮތް ހެދުމަށް ފާސްކޮށްދިނުމަށް އެދި އިންޑިއާ ސަރުކާރުގެ އިދާރާތަކުން ހުށަހެޅުމާ ގުޅިގެންނެވެ.
މި ބަދަލުތަކާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ 7 އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗައިނާއަށް ޒިޔާރަތްކުރައްވާފައެވެ. އަދި 5 އަހަރުގެ މެދުކެނޑުމަކަށްފަހު ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުފަތުރުތައް ފަށައި، ފެކްޓްރީތަކަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށް ލުއި ދިނުމުގެ ގޮތުން ބިޒްނަސް ވިސާގެ ގަވާއިދުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.
މިހިނގާ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، އިންޑިއާގެ ސަރުކާރުގެ ކަރަންޓު ކުންފުނިތަކާއި ކޯލާދެލި އުފައްދާ ކުންފުނިތަކަށް ބޭނުންވާ ޗައިނާގެ މެޝިނަރީތައް އެތެރެކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ވަނީ ދީފައެވެ. މިއީ މަޝްރޫއުތައް ލަސްވަމުންދާތީ އެޅި ފިޔަވަޅެއް ކަމަށް ބުނެއެވެ. އަދި މިއީ ދެ ގައުމުގެ އިގްތިސާދީ ގުޅުން އަލުން ހުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާނަ ކުރެވުނެވެ.







