ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހާ ދިމާކޮށް ފާހަގަކުރާ ބައިނަލްއަގުވާމީ ގުދުސް ދުވަހުގެ މުނާސަބަތުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް އަދި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ.
މި އަހަރުގެ ގުދުސް ދުވަހުގެ ރެލީތައް އީރާން، މެލޭޝިއާ، އިންޑޮނޭޝިއާ، ކަޝްމީރު އަދި ޔަމަން ފަދަ ގައުމުތަކުގައި ވަނީ ބާއްވާފައެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި އެތައް ހާސް ބަޔަކު ބައިވެރިވި މި ހިނގާލުމުގައި، އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. މި މުޒާހަރާތައް ކުރިއަށްދިޔައީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް 14 ދުވަސް ވެފައިވަނިކޮށެވެ.

ގުދުސް ދުވަހަކީ 1979 ވަނަ އަހަރު އީރާނުގެ އޭރުގެ ލީޑަރު އާޔަތުﷲ ރޫހުﷲ ޚުމައިނީ އިސްނަންގަވައިގެން ފާހަގަކުރައްވަން ފެށްޓެވ ދުވަހެކެވެ. މި އަހަރުގެ މި ދުވަސް ދިމާވެފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ހިމެނޭހެން 1,444 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އެ ސަރަހައްދަށް ހަމަލާތައް ދެމުންދިޔަ ނަމަވެސް، ތެހެރާނާއި އެހެނިހެން ސިޓީތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މުޒާހަރާއަށް ނުކުމެފައެވެ. ކަޝްމީރުގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ޖަހާފައިވާ ސަންދޯއްތަކެއްގައި ހުޅުޖަހައި، އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް ޝިއާރުތައް އުފުލާފައެވެ.
މި ހަރަކާތްތަކާ ގުޅިގެން އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވަން އުޅުނު ގުދުސް ދުވަހުގެ ހިނގާލުން، ވޭތުވެދިޔަ 40 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެ ގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި މި ހިނގާލުން މަނާކުރީ މެދުއިރުމަތީގެ މަސްލަހަތު އޮތް ގޮތުން އާންމު ނުތަނަވަސްކަމެއް އުފެދިދާނެތީއެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ލަންޑަނުގައި މުޒާހަރާއެއް ކުރުން މަނާކުރި ފުރަތަމަ ފަހަރެވެ.












