ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފާޑު ކިޔައި، ހަނގުރާމައިގެ މައުލޫމާތާއި ހަނގުރާމައާ ގުޅުންހުރި ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރި ކަމުގެ ތުހުމަތުގައި 25 މީހަކު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ.
ޔޫއޭއީގެ އޮފިޝަލުން ހާމަކުރި ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 17 މީހަކާއި، ޕާކިސްތާނުގެ ދެ މީހަކާއި، ނޭޕާލުގެ ދެ މީހަކާއި، ފިލިޕީންސްގެ ދެ މީހެއްގެ އިތުރުން ބަންގްލަދޭޝް އަދި މިސްރުގެ މީހެކެވެ. މި އެންމެންނަކީ ވެސް އެ ގައުމުގައި މަސައްކަތް ކުރަމުންދާ ބޭރު ގައުމުތަކުގެ ރައްޔިތުންނެވެ.

ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި މި މީހުން ހަރަކާތްތެރިވަމުން ދިޔައީ ތިން ތަފާތު ގްރޫޕަކަށް ބެހިގެންނެވެ. މީގެ ތެރެއިން އެއް ގްރޫޕަކުން ދިޔައީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަގީގަތާ ހިލާފު ފޭކު ވީޑިއޯތައް އުފައްދައި އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ޔޫއޭއީގެ ގާނޫނުތައް ބުނާގޮތުން ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތައް ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމަކީ ހަރުކަށި އަދަބު ލިބޭނެ ކުށެކެވެ. ހާއްސަކޮށް ސަރަހައްދީ ހަނގުރާމަތަކާއި ގުޅުވައިގެން ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހަނދާންކޮށްދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިއީ ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ޔޫއޭއީ ސަރުކާރުން ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައި ބެލެވެއެވެ.





