ކުވެއިތަށް ދިން ޑްރޯން ޙަމަލާ ޔޫ.އޭ.އީ އިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި

ޑްރޯން ބޭނުންކޮށްގެން ކުވެއިތަށް އަމާޒުކޮށް ދިން ޙަމަލާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ. ފެބްްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ ފެށި ހަނގުރާމައިގެ ތެރެއިން، ސަރަޙައްދުގެ މަސްރަޙު އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި ހިންގި މި ޙާދިސާއާ ގުޅިގެން ކުވެއިތު ސަރުކާރުން ވަނީ މިއީ ނުރައްކާތެރި ދަރަޖައެއްގެ ކުރިއެރުމެއް ކަމަށް ސިފަކޮށްފައެވެ.

ޔޫ.އޭ.އީގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އީރާނުން ކުވެއިތަށް އަމާޒުކޮށް ދިން މިފަދަ ޢުދުވާނީ ޙަމަލާތަކަކީ ކުވެއިތުގެ ސިޔާދަތާށާއި މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މިއީ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ކުވެއިތުގެ ސަލާމަތާއި އިސްތިޤްލާލް ޙިމާޔަތްކުރުމަށް އެ ޤައުމުން އަޅާ އެންމެހައި ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ޔޫ.އޭ.އީ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުވެއިތުގެ ޚާރިޖީ ވުޒާރާއިން އިސްލާމީ އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސަމާލުކަމަށް ގެނައިގޮތުގައި، މިއީ އީރާނުން ހިންގާ ޖަރީމާތަކެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ސުލްޙައަށް ހުރަސްއެޅި، ޑިޕްލޮމެޓިކް މަސައްކަތްތަކަށް ހީނަރުކަން ލިބެމުންދާ ކަމަށެވެ.

ހިއްސާ ކުރައްވާ!