ދުބާއީގެ މަގުތަކާއި ދަތުރުފަތުރާ ބެހޭ އިދާރާ (އާރް.ޓީ.އޭ) އިން އެ ސިޓީގައި ޓެކްސީގެ ޚިދުމަތްދޭ ކުންފުނިތައް ފަސް ތަރީގެ މިންގަނޑަކުން ދަރަޖަކުރުމުގެ އައު ނިޒާމެއް ތަޢާރަފުކޮށް، އެންމެ މަތިން ފާސްވާ ކުންފުނިތަކަށް އިތުރު ޓެކްސީ ޕްލޭޓްތަކާއި ޚާއްސަ އިނާޔަތްތައް ދިނުމަށް ނިންމައިފިއެވެ. ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި، މަގުމަތީގެ ރައްކާތެރިކަމާއި، ސާފުތާހިރުކަމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރަށް ބަލައި އެކުލަވާލާފައިވާ މި އައު އޮނިގަނޑުގެ ދަށުން، ފަސް ތަރި ހާސިލުކުރާ ކުންފުނިތަކަށް އިތުރު ހަތް ޓެކްސީ ޕްލޭޓާއި، ހަނދާނީ ފިލައަކާއެކު ސެޓްފިކެޓެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، ހަތަރު ތަރީގެ ދަރަޖަ ހޯދާ ކުންފުނިތަކަށް އިތުރު ފަސް ޓެކްސީ ޕްލޭޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިސްނެގުމުގެ މައިގަނޑު މަޤުޞަދަކީ ދުބާއީގެ ޓެކްސީ ދާއިރާގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ޚިދުމަތްދޭ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އުފެއްދުމުގެ އިތުރުން، ފަސިންޖަރުންނަށް ލިބޭ ތަޖުރިބާއަކީ ކުންފުނިތަކުގެ ކާމިޔާބީ ވަޒަންކުރާ މައިގަނޑު މިންގަނޑު ކަމުގައި ހެދުމެވެ.
މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށް ބިނާކޮށްފައިވާ މި ވަޒަންކުރުމުގެ އޮނިގަނޑުގައި ހިމެނެނީ ދެމެހެއްޓެނިވިކަމާއި، ޓެކްނޮލޮޖީއާއި، ޖަވާބުދާރީވުމުގެ އިތުރުން އިތުބާރު ހިފޭ މިންވަރެވެ. މި ހަތަރު ދާއިރާ ވަޒަންކުރުމަށް 18 މިންގަނޑެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި އެންމެ ބާރުބޮޑު ވަގުތުތަކުގައި ޓެކްސީ ލިބެން ހުންނަ މިންވަރާއި، އޮންލައިންކޮށް ކުރާ ބުކިންގތައް ޑްރައިވަރުން ޤަބޫލުކުރާ ނިސްބަތާއި، އިލެކްޓްރޯނިކްކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހުރި މިންވަރުގެ އިތުރުން، ނުރައްކާތެރިކޮށް ދުއްވުމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކާއި ފަސިންޖަރުން ދޭ ރޭޓިންގތައް ހިމެނެއެވެ.
މި ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާރް.ޓީ.އޭގެ ޑިރެކްޓަރ ޖެނެރަލް އަދި އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން މަޠަރު އަލް ޠާޔިރު ވިދާޅުވީ، މިއީ ހަމައެކަނި ޚިދުމަތުގެ ފެންވަރު މޮނިޓަރ ކުރުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ތަރައްޤީކުރުމަށް އެކުލަވާލި ނިޒާމެއް ކަމަށެވެ.
"ޓެކްސީގެ ދާއިރާއަކީ ދުބާއީގެ ދަތުރުފަތުރުގެ ނިޒާމުގެ މުހިންމު ބައެއް. މި ފަސް ތަރީގެ ނިޒާމުގެ ސަބަބުން ކުންފުނިތަކުގެ ނަތީޖާއާ އިނާޔަތްތައް ގުޅުވާލެވި، ދެފުށް ފެންނަ މިންވަރު އިތުރުވެ، ކަސްޓަމަރުން އުންމީދުކުރާ ވަރަށްވުރެ ފުރިހަމަ، ރައްކާތެރި އަދި ސްމާޓް ޚިދުމަތެއް ކަށަވަރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
އައު އުޞޫލުގެ ދަށުން، ކޮންމެ ކުންފުންޏަކަށް ލިބޭ ތަރީގެ އަދަދު ޓެކްސީތަކުގެ އެތެރޭގައި ހުންނަ ސްމާޓް ސްކްރީންތަކުން ފަސިންޖަރުންނަށް ފެންނާނެހެން ބެހެއްޓުމުގެ އިތުރުން، ކުންފުނިތަކުގެ މައި އޮފީސްތަކުގެ ދޮރުމަތީގައިވެސް ރޭޓިންގ ބޯޑުތައް ހަރުކުރެވޭނެއެވެ. އަދި ތިން ތަރި ނުވަތަ އެއަށްވުރެ ދަށް ދަރަޖައެއް ލިބޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އާރް.ޓީ.އޭއިން ޚާއްސަ ފިޔަވަޅުތަކެއް އަޅާނެއެވެ. ދެމެހެއްޓެނިވިކަމުގެ ބައިން ކުންފުނިތަކުން ބޭނުންކުރާ އިލެކްޓްރިކް އަދި ހައިޑްރޮޖަން ވެހިކަލްތަކުގެ އަދަދަށް ބަލާއިރު، ޖަވާބުދާރީވުމުގެ ބައިން ބޮޑެތި އެކްސިޑެންޓްތަކާއި ޓްރެފިކް ޤަވާއިދާ ޚިލާފްވާ މިންވަރު ވަޒަންކުރާނެއެވެ.
ދުބާއީގެ ޓެކްސީ ދާއިރާގައި މިހާރު ފަސް ކުންފުންޏަކުން ޚިދުމަތް ދެމުންދާއިރު، އެއީ ދުބާއީ ޓެކްސީ ކޮމްޕެނީ، ކާބީ ޓެކްސީ، ނޭޝަނަލް ޓެކްސީ، އަރަބިއާ ޓެކްސީ އަދި މެޓްރޯ ޓެކްސީއެވެ.
ފާއިތުވި 2025 ވަނަ އަހަރު ދުބާއީގައި 14,346 އަށްވުރެ ގިނަ ޓެކްސީ ދުއްވާފައިވާއިރު، އޭގެ ތެރެއިން 12,380 ވެހިކަލަކީ އިލެކްޓްރިކް ނުވަތަ ހައިބްރިޑް އުޅަނދުތަކެވެ. މި ޓެކްސީތަކުން 2025 ވަނަ އަހަރު 120 މިލިއަނަށްވުރެ ގިނަ ދަތުރުކޮށް، 209 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ. އަދި 2050 ވަނަ އަހަރާ ހަމައަށް ދުބާއީގެ އާންމު ދަތުރުފަތުރުގެ ނިޒާމަކީ އެއްވެސް ވިހަ ގޭހެއް ބޭރުނުކުރާ ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، 2040 ވަނަ އަހަރާ ހަމައަށް މުޅި ޓެކްސީ ފްލީޓް އިލެކްޓްރިކް އަދި ހައިޑްރޮޖަން އުޅަނދުތަކަށް ބަދަލުކުރުމަށް އާރް.ޓީ.އޭއިން ވަނީ އަމާޒު ހިފާފައެވެ.







