ހުއްޓުމެއް ނެތި ސީދާ މަންޒިލަށް ގެންގޮސްދޭ ޑްރައިވަރަކާ ނުލައި ދުއްވާ ޕޮޑްގެ ޚިދުމަތް ދުބާއީގައި 

ދުބާއީ މެޓްރޯ ސްޓޭޝަންތަކާއި ގޭގެއާއި އޮފީސްތައް ފަދަ މުހިންމު މަންޒިލްތަކާ ދެމެދު އޮތް ދަތުރުފަތުރުގެ ހުސްކަން ފޫބެއްދުމަށްޓަކައި، އެހެން ފަސިންޖަރުންނާ ޙިއްޞާކުރުމަކާ ނުލައި، ސީދާ މަންޒިލަށް ގެންގޮސްދޭ ޑްރައިވަރަކާ ނުލައި ދުއްވާ ކުދި އުޅަނދުތަކެއް ނުވަތަ "ޕޮޑް" ގެ ނިޒާމެއް ދުބާއީގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ނިޒާމު ފަރުމާކުރާ ކުންފުނި ކަމަށްވާ ގްލައިޑްވޭސްއިން ހާމަކޮށްފިއެވެ.

ދުބާއީގެ މަގުތަކާއި ދަތުރުފަތުރާ ބެހޭ އިދާރާ (އާރް.ޓީ.އޭ) އިން ދިރާސާކުރަމުންދާ މި އައު ނިޒާމުގެ ދަށުން، މެޓްރޯއިން ފައިބައިގެން ކިއޮސްކެއް ނުވަތަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ދާން ބޭނުންވާ މަންޒިލް އިޚްތިޔާރުކުރުމުން، ގިނަވެގެން 30 އާއި 60 ސިކުންތާ ދެމެދުގެ ވަގުތެއްގެ ތެރޭގައި ޚާއްސަ އުޅަނދެއް ލިބިގެންދާނެއެވެ.

ބްލޫވޯޓަރސްގައި މި ނިޒާމުގެ އަޖުމަބެލުމުގެ ދަތުރުތައް މިހާރު ކާމިޔާބުކަމާއެކު ނިންމާލާފައިވީ ނަމަވެސް، އާންމު ޚިދުމަތަށް މި ނިޒާމު ހުޅުވާލާނެ ތާރީޚަކާއި، ދަތުރުގެ އަގު އަދި އެންމެ ފަހުގެ މަގުތައް އާރް.ޓީ.އޭއިން އަދި ރަސްމީކޮށް އިޢުލާނުކޮށްފައެއް ނުވެއެވެ.

ގްލައިޑްވޭސްގެ ކޯ-ފައުންޑަރ އަދި ކޯ-ސީއީއޯ މާކް ސީގަރ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމުގެ ބަދަލުގައި އަމިއްލަ ކާރުތަކުގައި ދަތުރުކުރުމަށް މީހުންނަށް މަޖުބޫރުވާ ސަބަބުތައް ނައްތާލުމެވެ. "ދަތުރުގެ ފެށޭ ކޮޅުގައި ނުވަތަ ނިމޭ ކޮޅުގައި އޮންނަ ކުޑަ ދުރުމިނަކީ މީހަކު އާންމު ދަތުރުފަތުރު ބޭނުންކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާ މުހިންމު ކަމެއް. ހޫނުގަދަ މާޙައުލެއްގައި ދިގު ރާސްތާއަކަށް ހިނގަން ޖެހުމަކީ ނުވަތަ އިތުރު އުޅަނދަކަށް ގިނައިރު އިންތިޒާރުކުރަން ޖެހުމަކީ އަމިއްލަ ކާރުގައި ދިއުން މާ ފަސޭހަ ކަމަކަށް ވެގެންދާ ސަބަބެއް،" ސީގަރ ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ ދަށުން، ނޭޝަނަލް ޕެއިންޓްސް މެޓްރޯ ސްޓޭޝަނުން ފެށިގެން ބްލޫވޯޓަރސްއާ ހަމައަށް 2.8 ކިލޯމީޓަރުގެ މަގެއް ގުޅުވާލުމަށް އާރް.ޓީ.އޭއިން ދަނީ ދިރާސާކުރަމުންނެވެ. އާންމު ބަހެއް ނުވަތަ ރޭލަކާ ޚިލާފަށް، ގްލައިޑްވޭސްގެ "ގްލައިޑްކާރ" ނަމަކަށް ކިޔާ މި އިލެކްޓްރިކް އުޅަނދުތަކަކީ މެދުތެރޭގެ ސްޓޭޝަންތަކަށް މަޑުކޮށް އިތުރު ފަސިންޖަރުން އަރުވާ އުޅަނދުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ފަސިންޖަރަކަށް، ޢާއިލާއަކަށް ނުވަތަ ރައްޓެހިންގެ ގްރޫޕަކަށް އެ ބައެއްގެ އަމިއްލަ އުޅަނދެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި ސީދާ މަންޒިލަށް ދަތުރުކުރެވޭނެއެވެ.

ހަތަރަކާއި ހަ ފަސިންޖަރުންނަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އުޅަނދުތަކުގައި ފޮށިތަންމައްޗާއި، ކުޑަކުދިން ލާ ގާޑިޔާގެ އިތުރުން ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހައިން އަރައި ފޭބޭނެ އިންތިޒާމު ހުންނާނެއެވެ. ބްލޫވޯޓަރސްގައި ކުރިއަށްގެންދިޔަ އަޖުމަބެލުމުގެ ދަތުރުތަކުގައި މި އުޅަނދުތައް ގަޑިއަކު 24 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައިވީ ނަމަވެސް، މުޅި ނިޒާމު ފަރުމާކޮށްފައިވަނީ ގަޑިއަކު 50 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރެވޭ ގޮތަށެވެ.

ސްމާޓްފޯނު ނެތް ފަސިންޖަރުންނަށްވެސް މި ޚިދުމަތް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ސްޓޭޝަންތަކުގައި ކިއޮސްކްތައް ބެހެއްޓިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދުބާއީގައި މިހާރުވެސް ބޭނުންކުރާ "ނޯލް" ކާޑު ފަދަ ފައިސާ ދެއްކުމުގެ ނިޒާމުތަކާ މި ޚިދުމަތް ގުޅުވާލެވޭނެ ފަންނީ ޤާބިލުކަން ހުރި ނަމަވެސް، ފައިސާ ދެއްކުމުގެ އުޞޫލުތަކާއި، ޚިދުމަތް ދޭނެ ގަޑިތަކުގެ އިތުރުން ދަތުރުގެ އަގުތައް ކަނޑައަޅާނީ ވިޔަފާރި އުޞޫލުން މި ނިޒާމު ފަށާއިރު އާރް.ޓީ.އޭއިން ކަމަށް ސީގަރ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!