މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސަރަޙައްދުގެ 28 މިސްކިތެއްގައާއި ހަތަރު ސަރަޙައްދެއްގައި ބޮޑު ޖަމާޢަތުގައި ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މާލެ ސިޓީގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތަކުގެ ތަފްސީލު އެ ވުޒާރާއިން މިހާރު ވަނީ ހާމަކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އަހަރު ވެސް މާލޭގެ މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނެއެވެ. އަދި ވިލިމާލޭގެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާޢަތް އޮންނާނެއެވެ. މީގެ އިތުރުން، އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިލިމާލޭގައި މަސްޖިދުއްސަލާމްގައި ވެސް ޢީދު ނަމާދު ކުރާނެއެވެ.

ހުޅުމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ދެ ސަރަޙައްދެއްގައެވެ. އެއީ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކްގައާއި، ފޭސް ދޭއްގެ މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި ހީނާހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައެވެ.
ހުޅުމާލޭގެ މިސްކިތްތަކަށް ބަލާއިރު، ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ، މަސްޖިދު ރަޝީދު، މަސްޖިދު ޢަޒީޒާ މޫސާ، މަސްޖިދު އަޞްދިޤާ އަދި މަސްޖިދުލްވާލިދައިނިގައި ޢީދު ނަމާދު ކުރާނެއެވެ. ފޭސް ދޭއްގައި ޢީދު ނަމާދު ކުރުން އޮންނާނީ މަސްޖިދުލް ޢީމާން އަދި މަސްޖިދު ޢުޘްމާން ބިން ޢައްފާންގައެވެ.
ޢީދު ނަމާދު ކުރާ ވަގުތަށް ގެނެސްފައިވާ ބަދަލާއެކު، މިހާރު ޢީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ނަމަވެސް، ޝައްވާލު މަހުގެ ހަނދާބެހޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ހަނދު ބެލުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ.



