މަސްޖިދުލްއަޤްޞާ ޔަހޫދީން ބަންދު ކޮށްފައި ބަހައްޓާތާ މަސްދުވަށް ވާއިރުވެސް އެކަމަށް މުސްލިމުން އަޅާނުލުމުން އުތުކީ އަންހެނުންތަކެއް އެކަމަށް އިހުތިޖާޖު ކޮށްފިއެވެ. ތުރުކީގެ އަންހެނުންތަކެއް ވަނީ އިސްތަންބޫލްގެ ތާރީޚީ ފާތިހު މިސްކިތުގައި އިހުތިޖާޖު ކުރަމުން މިސްކިތުގެ މަތީ ފަންގިފިލާގައި ތިބެގެން ތިރީގައި ތިބި ފިރިހެނުންނާ ދިމާއަށް އެމީހުންގެ ބުރުގާތަކެއް އުކާފައެވެ.
މި އިހުތިޖާޖުގައި ބޭނުންކުރި ބުރުގާތަކުގައި އަރަބި ބަހުން ލިޔެފައިވާ މެސެޖުތަކެއް ހުއްޓެވެ. އޭގެ ތެރޭގައި "އަލްއަގްސާ މިސްކިތަކީ މުސްލިމް ފިރިހެނުންގެ އިއްޒަތެވެ. ތިޔަބައިމީހުންގެ އިއްޒަތް ދިފާއުކުރާށެވެ! އޭ އުންމަތުގެ ފިރިހެނުންނޭވެ! ތެދުވާށެވެ، ތިޔަބައިމީހުންގެ ފުރަތަމަ ގިބުލަ ޔަހޫދީން ވަނީ ބަންދުކޮށްފައެވެ!" މިފަދަ އިބާރާތްތައް ހިމެނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ނަމާދު ވަގުތެއްގައި މިސްކިތުގެ މަތީ ބައިން ބުރުގާތައް ތިރިއަށް އުކަމުން ދިޔައިރު، އެތަނުގައި ތިބި މީހުންގެ ސަމާލުކަން އެކަމަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، އަންހެނުން އުކާލީ އެމީހުން ބޯ ނިވާކުރަން އަޅައިގެން ތިބި ބުރުގާއެއް ނޫނެވެ. އެއީ މި އިހުތިޖާޖަށް ހާއްސަކޮށްގެން ބެނާތައް ލިޔެ ތައްޔާރުކޮށްފައިވާ އިތުރު ބުރުގާތަކެކެވެ.
މި ހަރަކާތާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ފިރިހެނުންގެ ހިތްތަކުގައި ޖޯޝް އުފައްދައި މަސްޖިދުލްއަގްސާ މިނިވަން ކުރުމަށް މުސްލިމުން ހޭލައްވާލުމަށް ހިންގި ރަމްޒީ ހަރަކާތެއް ކަމަށެވެ. "އަންހެނުން އެމީހުންގެ ބުރުގާ އުކާލަން ފެށުމުން، ފިރިހެނުންގެ އިއްޒަތް ފައިދަށުވެފައިވާކަން ދަނެގަންނަން ޖެހޭނެ،" ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ. އަދި މިއީ ހަމައެކަނި ބަލަން ތިބެންވީ ވަގުތު ނޫން ކަމަށާއި، ފުރަތަމަ ގިބުލަ ހިމާޔަތްކުރުމަށް އަމަލީ މަސައްކަތްތަކެއް ކުރަންޖެހޭ ވަގުތު ކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމްދީނުގެ ތިންވަނަ އެންމެ މުގައްދަސް ބިނާ ކަމަށްވާ އަލްއަގްސާ އަކީ ސަލާޙުއްދީނުލްއައްޔޫބީ މިނިވަންކޮށް، ތުރުކީގެ އުސްމާނީ ޚިލާފަތުން ތަރައްގީ ކުރި ސިޓީއެކެވެ. މި ސިޓީގެ އެއްވެސް ތަރައްގީއެއްގައި އަރަބި ގަލްފް ގައުމުތަކަށް ނިސްބަތްވާ އެންމެ އަރައްބެއްގެ އެއްވެސް ހިއްސާއެއް ނުވާނެެވެ.






