ފޮޓޯއިން: ވީރާނާވެފައިވާ އިމާރާތްތަކުގެ ކައިރީގައި ޣައްޒާގެ ރައްޔިތުން ލައިލަތުލްޤަދްރި އިޙްޔާކޮށްފި

ޖެނޮސައިޑް އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން ސުންނާފަތިވެފައިވާ މިސްކިތްތަކުގެ ކައިރީގައާއި ވީރާނާވެފައިވާ އިމާރާތްތަކުގެ މެދުގައި، ޣައްޒާގެ ރައްޔިތުން ރަމަޟާން މަހުގެ 27 ވިލޭރޭ ލައިލަތުލްޤަދްރި އިޙްޔާކޮށްފިއެވެ. ހަނގުރާމައިގެ ސަބަބުން މިސްކިތްތައް ބިމާހަމަވެފައިވީ ނަމަވެސް، މަތިން ސަތަރި ދަމައިގެން ވަގުތީގޮތުން ހަދާފައިވާ މިސްކިތްތަކުގައި ޣައްޒާގެ ރައްޔިތުން ވަނީ ނަމާދުކޮށް، އެމީހުންގެ ވަރުގަދަ އަޒުމާއި ކެތްތެރިކަން ދުނިޔެއަށް ދައްކާލާފައެވެ.

ޖެނޮސައިޑް އިސްރާއީލުގެ ޑްރޯންތަކުގެ އަޑާއި، ފިނިގަދަ މޫސުމުގެ އިތުރުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައި އޮތް ނަމަވެސް، އެއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ޣައްޒާގެ ރައްޔިތުން ވަނީ އަޅުކަމުގައި ދެމިތިބެފައެވެ.
މިސްކިތްތަކުގެ ހަލާކުކޮށްފައިވާ ކޮންކްރޓްގެ މެދުގައި ނަމާދުކުރަމުން ދިޔައިރު، މަގުތައް ވެސް ވަނީ ވަގުތީ މިސްކިތްތަކަކަށް ބަދަލުވެފައެވެ. މި މަންޒަރުތަކުން ފެނިގެންދިޔައީ ކުޑަކުދިން ބޮކިތައް ހިފައިގެން ބޮޑެތި މީހުންގެ ވަށައިގެން ތިބެ، ހަނގުރާމައިގެ އަނދިރިކަމުގެ ތެރެއިން އުއްމީދުގެ އަލިކަން ފަތުރަމުންދިޔަ ތަނެވެ.

މި އަހަރުގެ 27 ވިލޭރޭ ވެގެން ގޮސްފައިވަނީ ހަމައެކަނި އަޅުކަމުގެ ރެއަކަށް ނޫނެވެ. އެއީ ޣައްޒާގެ ރައްޔިތުން ދުނިޔެއަށް ދިން ވަރުގަދަ މެސެޖެކެވެ.

އެމީހުންގެ ތާރީޚާއި މުގައްދަސް ބިނާތައް ފޮހެލުމަށް ޖެނޮސައިޑް ސަރުކާރަކުން ދެމުންދާ ހަމަލާތަކަށް ނުގުޑައި، ރޫހާނީ ދިރުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ވނީ ސާބިތުކޮށްދީފައެވެ.
ތަރާވީޙް ނަމާދާއި، ދުޢާކުރުމާއި، ޤުރުއާން ޚަތިމްކުރުމުގައި އެމީހުން ދެމިތިބީ ގެއްލިފައިވާ އާންމު ދިރިއުޅުން އަލުން އިއާދަކުރުމުގެ އުއްމީދުގައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ޣައްޒާގެ މަޝްހޫރު މަސްޖިދުލްކަންޒު ފަދަ ތަންތަން މީހުންނުން ފުރި ބާރުވެ، ސަފުތައް ވަނީ މަގުތަކަށް ދަމާލާފައެވެ.

ހިއްސާ ކުރައްވާ!