ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކުރުމަށް އެދި އިދިކޮޅު އެމްޑީޕީގެ އިސްވެރިން އެ ކުންފުންޏަށް ގޮސް ހިންގި ހަރަކާތްތައް ޕީއެސްއެމްއިން ކުށްވެރިކޮށްފިއެވެ. ޕީއެސްއެމްއިން ބުނީ ޝަކީބު ރާއްޖޭގައި ނޫޅުއްވާކަން އަންގާފައި ވަނިކޮށް އެމްޑީޕީން އެ އޮފީހަށް ގޮސް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނާ މައްސަލާގައި ޝަކީބާ ބައްދަލުކުރަން އެމްޑީޕީން މިއަދު ދިޔަ ނަމަވެސް، ޕީއެސްއެމްއިން ބުނީ އޭނާ މިވަގުތު ހުންނެވީ އުމްރާގެ އަޅުކަމަށް މައްކާގައި ކަމަށެވެ. އަދި އޭނާ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅު ކަމަށް ވާތީ، އެމްޑީޕީން ބޭނުންވާ ބައްދަލުވުމަށް އޭގެ ފަހުން އެދުމަށް ވެސް އެ ކުންފުނިން ވަނީ އެދިފައެވެ. ނަމަވެސް އެމްޑީޕީގެ އިސްވެރިން ވަނީ މިއަދު މެންދުރު އެކެއް ޖެހިއިރުން ފެށިގެން ޕީއެސްއެމްގެ ރިސެޕްޝަންގައި މަޑުކޮށް، އެހެން އިސްވެރިއަކާ ބައްދަލުކުރުމަށް ޑިމާންޑުކޮށްފައެވެ.

އެމްޑީޕީގެ މި އަމަލުތަކާ ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގެ ހިންގުމަށް ހުރަސްއަޅައި ކުރާ ކަންކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމްއިން ގެނެސްދެނީ ފަންނީ އަދި އިޖުތިމާއީ މައުލޫމާތުތަކެއް ކަމަށާއި، މި ވަގުތު ސިޔާސީ ޕާޓީތަކަށް ފުރުސަތު ދޭން ހަމަޖެހިފައި ނެތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މި ކުންފުނިން އިސްކަންދެމުން ގެންދަނީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލިހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިހާތަނަށް މިފަދަ އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައެއް ނުވާނެ އެވެ." ޕޯއެސްއެމްގެ ސިޓީގައި ބުނެފައި ވެއެވެ.
ޕީއެސްއެމްގެ ރިސެޕްޝަންގައި ހުންނަވައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ޕީއެސްއެމް ހިންގަމުންދަނީ އެ ތަނުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
"މި ސަރުކާރު އައި ފަހުން ކަނޑައެޅިގެން ޕީއެސްއެމްގެ ގާނޫނާ ޚލާފަށް ހިނގަމުން އެ ދަނީ. އަނެއްހެން ބުނަންޏާ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ހިނގަމުން އެ ދަނީ،" ޣަފޫރު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޕީއެސްއެމްއިން އިތުރަށް ބުނީ، އިންތިޚާބާ ގުޅޭ މައުލޫމާތު ދިނުމުގައި މިވަގުތު އިސްކަންދެނީ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ގެނެސްދިނުމަށް ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުސަތު ދީފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން ޕީއެސްއެމްއިން މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނީ، ސާފުކޮށް ސިޓީއަކުން ޖަވާބު ދީފައި ވަނިކޮށް، މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި މިނިވަން ދައުލަތުގެ މީޑިއާގެ މަސައްކަތަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
"އަދި، ތިޔަ ޕާޓީން މި ރާއްޖޭގެ ވެރިކަން ކުރެއްވިއިރުވެސް، ޕަބްލިކް ސަރވިސް މީޑިއާ މިގޮތުގައި ދެމިއޮތެވެ. އެހެންކަމުން، މި މުއައްސަސާގެ މިނިވަންކަމާއި ގުޅުވާ މި ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ޙަޤީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އިލްތިމާސްކުރަމެވެ." ޕއެސްއެމްއިން އެމްޑީޕީއަށް ގޮވާލާފައި ވެއެވެ.






