އީރާނުން ދުބާއީ އެއާޕޯޓަށް ދިން ހަމަލާއަކާ ގުޅިގެން ބައެއް މުހިންމު މަގުތައް ބަންދުކޮށްފި

އީރާނުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުގެ ބައެއް މުހިންމު މަގުތަކުގެ ޓްރެފިކް މެދުކަނޑާލައި ބަންދުކޮށްފި ކަމަށް ދުބާއީ ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ދުބާއީ ފުލުހުން ހާމަކުރި ގޮތުގައި، އެއާޕޯޓް ރޯޑާއި އެއާޕޯޓް ޓަނަލްގެ ޓްރެފިކް ވަގުތީ ގޮތުން ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އަލް ގަރުހޫދު ބްރިޖުން ކަސަބްލަންކާ މަގަށް ދަތުރުކުރާ ސަރަހައްދު ވެސް ވަނީ ބަންދުކޮށްފައެވެ. ފުލުހުން ވަނީ ދަތުރުވެރިން ބަދަލު މަގުތައް ބޭނުންކުރުމަށާއި ޓްރެފިކް އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ.

އީރާނުން ދީފައިވާ ދިފާއީ ހަމަލާގައި ދުބާއީ އެއާޕޯޓް ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކަކަށް އަމާޒުވެ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދުބާއީގެ ސިވިލް ޑިފެންސް ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

އީރާނުން މިތަންތަނަށް ހަމަލަ ދެމުން ދަނީ އީރާނަށް ބޮން އަޅަން އަންނަ ބޯޓުތަކަށް ތެޔޮ އަޅަައިދީ އީރާނަށް ޓެރަރިސްޓް ހަމަލަތައްް ދިނުމަށް މިތަންތަނުން ފަހިކޮށްދޭތީއެވެ.

ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ސިވިލް ޑިފެންސް ޓީމުތަކުން ކަށަވަރުކޮށްދޭ ގޮތުގައި ހާދިސާ މިހާރު އޮތީ ކޮންޓްރޯލްގެ ދަށުގައެވެ. އަދި އަލިފާންގަނޑު އިތުރަށް ފެތުރިފައެއް ނުވެއެވެ." މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާ މިންވަރާއި އިތުރު ތަފްސީލުތައް ކަމާބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

 

 

 

ހިއްސާ ކުރައްވާ!