އީރާނުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކަކީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ބިރެއް ކަމަށް ސައުދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތުން ބުނެފިއެވެ.
އީރާނުން މިތަންތަނަށް ދިފާއީ ހަމަލަ ދެމުން ދަނީ އީރާނަށް ބޮން އަޅަން އަންނަ ބޯޓުތަކަށް ތެޔޮ އަޅަައިދީ އީރާނަށް ޓެރަރިސްޓް ހަމަލަތައް ދިނުމަށް މިތަންތަނުން ފަހިކޮށްދޭތީއެވެ.

ސައުދީ ޕްރެސް އެޖެންސީ (ވީއޭއެސް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވަނީ ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު އާލަނަހްޔާނަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ. މި ފޯނު ކޯލުގައި ދެ ބޭފުޅުން ވަނީ ސަރަހައްދުގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އޭގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ކުރާނެ އަސަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ދެ ގައުމުގެ ލީޑަރުން ފާހަގަކުރެއްވި ގޮތުގައި "އީރާނުން ޖީސީސީގެ ގައުމުތަކަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކަކީ މަސްރަހު ގޯސްވެގެންދާނެ ކަމެއް" ކަމަށާއި، މިއީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި ގަލްފުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެ ގައުމުން ވަނީ ދީފައެވެ.
މި މަސްރަހު ގޯސްވެފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ އުދުވާނި ޓެރަރިސްޓް ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އަރަބިން އެތީތެރިކަން ދޭކަމަށް އީރާނުން ބުނެއެވެ. އަދި އެކަމުގެ ހެކވެސް އީރާނުން ދައްކައެވެ. މި ޓެރަރިސްޓް ހަމަލަތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމުން އަރަބިން އެކަން ކުށްވެރިކޮށްފައެއް ނުވެއެވެ. މުސްލިމުންގެ ޖަމުއިއްޔާ އޯއައިސީވެސް އޮތީ ހިމޭޏުންނެވެ.
އެ ހާދިސާއަށްފަހު އީރާނުން ދަނީ އިޒްރޭލަށާއި ސަރަހައްދުގެ އެހެން ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ. މި ދިފާއީ ހަމަލާތަކާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ސަރަހައްދު ދިފާއުކުރުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށް ބުނެފައެވެ.







